ޙަސަން ކަލޭފާނަށް ޝިހާބު ދެއްވި ނަސޭހަތް

Mon, 06 May 2024 02:44 AM

View on this article on Adhives Online

ޙަސަން ކަލޭފާނަށް ޝިހާބު ދެއްވި ނަސޭހަތް

އަޅުގަނޑުގެ ބައްޕަ ނ. މަނަދޫ، މާލްރޯޑް، ސަޢީދު ޤާސިމް ކިޔައިދެއްވިއެވެ. ހޮޅުދޫ ޙަސަން ކަލޭފާނު (ހޮޅުދޫ ޙަސަން މުޙައްމަދު) އަށް އަތޮޅުވެރިން ފުރަތަމަ ލިބިވަޑައިގެންނެވީ ރައީސް އިބްރާހިމް ނާޞިރުގެ ދައުރުގައެވެ. އޭރު ޙަސަން ކަލޭފާނުގެ އުމުރުފުޅުން ވަރަށް ޒުވާނެވެ. ފުރަތަމަ އަތޮޅުވެރިކަން ލިބިވަޑައިގަތުމުން އިބްރާހިމް ޝިހާބުގެ އަރިހަށް ވަޑައިގަތެވެ. އޭރު ޝިހާބަކީ ބަންޑާރަނައިބެވެ.



ޙަސަން ކަލޭފާނު ޝިހާބުގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑަށް ނ. އަތޮޅުގެ އަތޮޅުވެރިކަން ލިބިއްޖެއެވެ. މިފަދަ ބޮޑު ކަމަކަށް ދާއިރު މަނިކުފާނުގެ ނަސޭހަތެއް ލިބޭތޯ އައީމެވެ." އިރުކޮޅަކު ހަނު އިންނަވައިފައި ޝިހާބު ވިދާޅުވިއެވެ. "ޙަސަން މުޙައްމަދާވޭ އަޅުގަނޑު ދޭނެ ނަސޭހަތަކީ ދެ ކަމެކެވެ. އެއް ކަމަކީ އެއްގޮތަކަށްވެސް މީހުން ކުށްވެރިކުރަން ނޫޅޭށެވެ. ދެވަނަ ނަސޭހަތަކީ މީހަކު ކުށްވެރިވެއްޖެނަމަ އޭނާ ސަލާމަތްކުރަން ނޫޅޭށެވެ."

ބައްޕަ ވިދާޅުވި ގޮތުގައި ޙަސަން ކަލޭފާނަކީ ޢުމުރު ދުވަހަށްވެސް އެ ސިޔާސަތުގައި ހުންނެވި ބޭފުޅެކެވެ.

ޙަސަން ކަލޭފާނު ތިން ބުރެއްގެ މަތިން ނ. އަތޮޅުގައި އަތޮޅުވެރިކަން ކުރެއްވިއެވެ. އަވަހާރަވީ އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް 2003 ވަނަ އަހަރު މަނަދޫގައެވެ. ފަސްދާނުލީ ހޮޅުދޫގައެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރު ކުރައްވާށިއެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



More from Adhives Online