ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް

Wed, 15 May 2024 10:04 PM

View on this article on vNews

ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް

ޓޭބަލް ޓެނިހުގައި ހޯދާފައިވާ އެތައް ކާމިޔާބީއަކާއި ދައްކާ ހުނަރުން މުޅި ދިވެހި ގައުމު ފަހުރުވެރިކޮށްދީފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މިހެން ވިދާޅުވީ، ދީމާ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި އޮލިމްޕިކްސް އަށް ކޮލިފައިވެގެން ވާދަކުރާނެ ފުރަތަމަ އެތުލީޓުގެ ޝަރަފު ހޯދުމާ ގުޅިގެން މަރުހަބާ ދެންނެވުމުގެ ގޮތުން އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، މިއަދަކީ ދިވެހި ކުޅިވަރަށް ތާރީހީ ދުވަހެއް ކަމަށާއި ޓޭބަލް ޓެނިހުން ދީމާ ހޯދަމުންދާ ކާމިޔާބީތަކާއިއެކު މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށެވެ. ރައީސް ވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ދީމާއަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސްގެ އިތުރުން، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވެސް ވަނީ ދީމާގެ ކާމިޔާބީ ފާހަގަކުރައްވައި އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. ވަޒީރު ވަނީ، ކަތަމަންޑޫގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް އިން އެއްވަނަ ހޯދާ ޕެރިސްގައި އޮންނަ އޮލިމްޕިކްސް 2024 އަށް ކޮލިފައިވެފައިވާތީ ދީމާ އަށް މަރުހަބާ ކިޔާ ކަމަށާއި ދީމާ އަކީ ދިވެހި ތާރީހުގައި ވެސް އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓުކަން ފާހަގަކޮށް ދިވެހި ގައުމު ފަހުރުވެރިވާ ކަމަށް ވިދާޅުވެފައެވެ. އޮލިމްޕިކްސް ގައި ދީމާއަށް ރަނގަޅު ކާމިޔާބީއަކަށް އުއްމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އޮލިމްޕިކްސްގެ ޖާގައެއް ދީމާ ހޯދީ ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ.

މިއަދު ރާއްޖެ ގަޑިން 14:45 ގައި ފެށި ފައިނަލް މެޗް ދީމާ ހަތަރު ސެޓް އެއް ސެޓުން ކާމިޔާބު ކުރީ ސްރީލަންކާގެ ބަންޑާރަ ބިމަންދީއާ ވާދަކޮށެވެ. މި މެޗު ދީމާ ކާމިޔާބުކުރީ 4-1 ސެޓުންނެވެ.

މީގެކުރިން ރާއްޖެއަށް މުޅިން ވެސް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް)ގެ ފުރުސަތެވެ. އެކަމަކު، ދީމާ މި ވަނީ ކޮލިފިކޭޝަން ބުރެއް ފަހަނައަޅައި ގޮސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ފުރުސަތު ހޯދާފައެވެ.

ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާއަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެއެވެ.

ކޮލިފިކޭޝަން ކާމިޔާބުކުރުމާއެކު, ދީމާއަށް އަންނަ ޖުލައި މަހު ޕެރިސްގައި ފަށާ އޮލިމްޕިކްސް ގޭމްސް އިން ދީމާއަށް ފުރުސަތު ލިބޭނެއެވެ.



More from vNews