ޕްރި-އިލެކްޝަން މަރުހަލާ: އެޗްއާރްސީއެމްގެ އެތައް ކަންބޮޑުވުމެއް

Fri, 19 Apr 2024 11:54 AM

View on this article on vNews

ޕްރި-އިލެކްޝަން މަރުހަލާ: އެޗްއާރްސީއެމްގެ އެތައް ކަންބޮޑުވުމެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ޕްރި-އިލެކްޝަން މަރުހަލާ މޮނިޓަރކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވާ އެތައް ކަމެއް ފާހަގަކޮށް ރިޕޯޓެއް އާންމުކޮށްފައެވެ.



ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރި-އިލެކްޝަން މަރުހަލާ މޮނިޓަރކުރުމުގެ މަސައްކަތުގެ ތެރެއިން ކަމާ ގުޅުންހުރި އިދާރާތަކާއި ފަރާތްތަކާ ބައްދަލުކޮށް، އާންމުންގެ ޙިޔާލު ހޯދުމުގެ އިތުރުން މީޑިއާ މޮނިޓަރކޮށް އެޗްއާރްސީއެމްއިން މައުލޫމާތު އެއްކޮށްފައިވެއެވެ. އެގޮތުން އެކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކާއި ހަރުދަނާކުރުމަށް ފެންނަ ކަންކަމުގެ މައްޗަށް ހުށަހެޅުންތަކެއް ހިމެނޭހެން އެކުލަވާލާފައިވާ ރިޕޯޓެއް އެކޮމިޝަންގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ.

މި އެސެސްމެންޓް އެކުލަވާލުމަށްޓަކައި ގްރޭޓަރ މާލެ އޭރިއާގެ އިތުރުން އަތޮޅު ތެރެއަށް ދަތުރުކޮށް ދައުލަތުގެ މުވައްސަސާތަކާއި އިންތިޚާބީ ކަންކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުވުންތައް ބާއްވާފައިވެއެވެ. މީޑިއާ މެދުވެރިކޮށް އިންތިޚާބާ ގުޅޭ ޚަބަރުތައް ގެނެސްދޭ ގޮތްތައް ދެނެގަތުމަށާއި އިންތިޚާބީ ކަންކަމުގެ މައުލޫމާތު އެއްކުރުމަށްޓަކައި މީޑިއާ މޮނިޓަރިންގގެ މަސައްކަތްވެސް ކޮށްފައިވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާ ގުޅޭ ނިޒާމީ ކަންތައްތަކާ ގުޅޭ ގޮތުން ތަފާސްހިސާބު އެކުލަވާލުމަށާއި، އެކަންކަމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ސަރވޭއެއް ކޮށްފައިވެއެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް ބަލާއިރު، އިންތިޚާބާ ކައިރިވެފައިވަނިކޮށް ސަރުކާރުގެ ޕްރޮޖެކްޓްތައް އިއުލާންކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވޭ ކަންކަމުގެ ގޮތުގައި ސަރވޭގެ 27 މީހުން ގަބޫލްކުރެއެވެ. މަޖިލިސް އިންތިޚާބު އިއުލާންކުރުމުގެ ފަހުންވެސް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް އިއުލާންކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިއުލާންކުރި ފަހުން ރައީސުލްޖުމްހޫރިއްޔާ 100 އަށްވުރެ ގިނަ ރަށްރަށަށް ދަތުރުކޮށްފައިވެއެވެ. އެޗްއާރްސީއެމްއިން ބުނީ، ޤައުމުގެ ވެރިޔާގެ ހައިސިއްޔަތުން ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުމަކީ ކުރުން މުހިންމު ކަމަކަށް ވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ކައިރިވެފައިވަނިކޮށް މި ދަތުރުތަކުގައި އެކި މަޝްރޫޢުތައް އިއުލާންކުރުމާއި ސޮއިކުރުމުގެ އިތުރުން ކުރީގައި ނިމިފައި ހުރި ޕްރޮޖެކްޓްތައް އިފްތިތާހްކުރުމަކީ އޭގެ ސަބަބުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ފުރުސަތު އޮތް ކަމެއްކަމަށެވެ.

ސަރވޭގެ ބައިވެރިންގެ 68 އިންސައްތަ މީހުން ދެކޭ ގޮތުގައި މިހާރަށްވުރެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް ގަބޫލުކުރާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަވީނަމަވެސް އޭގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ބިނާ ކުރަނިވި ގޮތަކަށް ކުރިޔަށް ނުދާކަމަށް އާންމުން ގަބޫލުކުރެއެވެ. އެހެންކަމުން އެޗްއާރްސީއެމްއިން ވަނީ، އާބާދީއަށް އަންނަ ބަދަލާއެކު ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ ދައުލަތުގެ ޚަރަދުތައް އިތުރަށް ބޮޑުވެގެންދާނެ ކަމެއްކަމުގައި ފާހަގަކުރެވޭތީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ނިޒާމު ބައްޓަންވެފައިވާ ގޮތް ރިވިއުކުރުމަށް ހުށައަޅާފައެވެ.

ރިޕޯޓުގައި ވާގޮތުން، ޕާޓީއެއްގެ ފަރާތުން ރައްޔިތުން ތަމްސީލުކުރަން މަޖިލީހަށް އިންތިޚާބުވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ގޮތުގައި އިންތިޚާބުވާ ފަރާތްތަކުން އެމީހެއް ހޮވުނު ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް ސަރވޭގެ ބައިވެރިންގެ 73 އިންސައްތަ މީހުން ގަބޫލުކުރެއެވެ. މި ނިޒާމީ މައްސަލަ ފާހަގަކޮށް އެންޓި ޑިފެކްޝަން ޤާނޫނެއް ތަސްދީޤު ކުރެވިފައިވުމަކީ ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އެކޮމިޝަނުން ދެކޭކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

ޕިޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރި ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ކެންޑިޑޭޓުންނަށް އެ ކޯލިޝަންގެ ފަރާތުން ތާޢީދުނުކޮށް އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ތާޢީދުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަން އެޗްއާރްސީއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޕާޓީގެ މެންބަރުން ވަކި ކެންޑިޑޭޓެއް އިޚްތިޔާރުކޮށްފައިވަނިކޮށް އެހެން ކެންޑިޑޭޓުންނަށް ތާޢީދުކުރުމަކީ ޑޮމޮކްރެސީގެ އުސޫލުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ ފަރާތެއް އިޚްތިޔާރުކުރުމުގެ ޙައްޤަށް އުނިކަމެއް އައުމަށް ފުރުޞަތު އޮތްކަމެއް ކަމުގައި އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޕްރި-އިލެކްޝަން އެސެސްމެންޓް ދިރާސާގެ ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ލާނެކަމަށް 55 އަހަރުން މަތީގެ މީހުންގެ ތެރެއިން 82 އިންސައްތަ އާއި ގާތްކުރާ އަދަދަކަށް މީހުން ބުނެފައިވާއިރު 35 އަހަރުން ދަށުގެ އާބާދީގައި މި އަދަދު 60 އަށް ދަށްވުމަކީ ކަންބޮޑުވާކަމެއްކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ. މިފަދައިން ޤަބޫލުކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންތިޚާބުކުރެވޭ މެމްބަރުންނަށް ރައްޔިތުންގެ އިތުބާރު ނެތުންކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ޖިންސީ އަނިޔާގެ މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގައި ތުހުމަތުކުރެވިފައިވާ ފަރާތްތައް ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަކީ މެންބަރުންނާ މެދު އާންމުންގެ އިތުބާރު ދަށްވުމަށް އެކަށީގެންވާ ސަބަބުތަކެއްކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. އެހެންކަމުން، އަލަށް ވޯޓުލާ ފަރާތްތަކާއި ޒުވާނުން ސިޔާސީ ޙަރަކާތްތަކާއި ދުރުވާން ދިމާވާ ސަބަބުތައް ދެނެގަނެ އިންތިޚާބުގެ ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭނެ ކަންތައްތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މަސައްކަތްކޮށް އެފަރާތްތަކަށް ޚާއްސަކޮށްގެން ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްތައް ހިންގުމަށް އެޗްއާރްސީއެމުން ވަނީ ހުށައަޅާފައެވެ.

މީގެއިތުރުން ކެމްޕެއިން ކުރުމުގެ ތެރެއިން ޙަޤީޤަތާއި ޚިލާފު ޚަބަރު ފެތުރުމާއި ކެންޑިޑޭޓުންނަށް ފުރައްސާރަކުރުމުގެ ކަންކަން ހިނގާފައިވާކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހަރުދަނާ ނޫސްވެރިކަމުގެ ތެރެއިން އާންމުންނަށް ހަޤީޤަތް ހާމަކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއަކަށް ވީ ނަމަވެސް ނޫސްވެރިން ޒިންމާދާރުކޮށް މީޑިއާތައް މޮނިޓަރކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްވެފައިނެތް ކަމާއި މިފަދަ ޚަބަރުތައް ދެނެގަތުމަށް ގައިޑްލައިންއެއް ހެދިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އެ ވަގުތު އިންތިޚާބުވެފައިވާ ސަރުކާރުގެ ޕާޓީއެއްގެ ކެންޑިޑޭޓުންނާ އެހެން ކެންޑިޑޭޓުންނާ އަޅާ ކިޔާއިރު ނަހަމަ ފައިދާތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއްކަންވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ދިރާސާގެ 50 އިންސައްތަ މީހުން ދެކޭ ގޮތުގައި އެންމެ ބޮޑަށް އިންތިޚާބަށް ނުފޫޒު ފޯރުވޭނީ ދައުލަތުގެ މުވައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމެވެ. ގިނަ ރަށްރަށުގައި އިންތިޚާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދޭކަމަށާއި މިހާރު އެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު އޮތްކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެއާރްސީއެމްގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، ވޯޓު ގަނެ ވިއްކުމަކީ އިންތިޚާބުތަކާއި ދިމާކޮށް ހުރިހާ ޕާޓީ އަކުންނާއި މިނިވަން ކެންޑިޑޭޓުންވެސް ކުރާކަމެއްކަމުގައި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ކަންބޮޑުވާންޖެހޭ އަދަދަކަށް މިފަދަ އަމަލުތައް އެނގޭ ކަމަށް މީހުން މައުލޫމާތު ދީފައިވީނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މި ކަމާ ގުޅޭ ގޮތުން ރިޕޯޓްކުރާ އަދަދު މި ތަފާސްހިސާބާ އަޅާކިޔާއިރު މަދުކަން ފާހަގަކުރެވިފައިވާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި ވޯޓު ގަތުމަށްޓަކައި އާންމުކޮށް ހުށައަޅާ ތަކެތީގެ ގޮތުގައި ފައިސާ، ވަޒީފާ އަދި ބޭސްފަރުވާކުރުންކަން ފާހަގަކުރެވޭއިރު، ވޯޓާ ދިމާކޮށް މަސްތުވާތަކެތި ވިއްކުމާއި ޒުވާނުންގެ އައިޑީ ކާޑު ގަތުން ފަދަ ކަންކަން ހިނގާކަން ފާހަގަކުރެވިފައިވާކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.



More from vNews