ފޭސް 3 ގެ ބިން ހިއްކުން ހަލުވިކުރަން އިތުރު ޑްރެޖަރެއް ބޭނުންކުރަން ފަށައިފި

Fri, 19 Apr 2024 12:21 AM

View on this article on vNews

ފޭސް 3 ގެ ބިން ހިއްކުން ހަލުވިކުރަން އިތުރު ޑްރެޖަރެއް ބޭނުންކުރަން ފަށައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް، ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.



މީގެކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާރ ބޭނުންކޮށްގެންނެވެ. އެއީ "ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ" އެވެ. މި ޑްރެޖަރގެ ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރެވެ.

ބިން ހިއްކުމުގެ މަސައްކަތަށް މިއަދު ގެނައި ދެވަނަ ޑްރެޖާރ "ޓީއެސްއެޗްޑީ ޕްރިންސް ޑި ނެޑަރލެންޑެން" ގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި 2 ޑްރެޖަރު އެކުއެކީގައި ބޭނުންކުރަން ފެށުމުން، މަސައްކަތް އިތުރަށް ހަލުވިވާނެކަން އެޗްޑީސީން ފާހަގަކުރިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުންކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި މިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެށި ބިންވެރިޔާ މަޝްރޫޢުގެ ދަށުން، ހުޅުމާލޭގެ ބިން ހިއްކައި، ގިނަ އަދަދެއްގެ ގޯތި އެ ސަރަހައްދުން ދިނުމަށް ނިންމިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ހިއްކާނިމި، ދެވަނަ ބައިގެ ވެސް ފަސް ހެކްޓަރު ހިއްކާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ބުނީ މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް ކަމަށެވެ.



More from vNews