އެމްޑީޕީގެ ކުރިމަގު ކަނޑައެޅުމަށް މަގުޗާޓެއް އެކުލަވާލަނީ

Thu, 02 May 2024 03:07 PM

View on this article on vNews

އެމްޑީޕީގެ ކުރިމަގު ކަނޑައެޅުމަށް މަގުޗާޓެއް އެކުލަވާލަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިމަގު ކަނޑައެޅުމަށް ދިރާސާކުރުމަށްފަހު މަގުޗާޓެއް އެކުލަވާލުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.



ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެމްޑީޕީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ރޭގައި ވަނީ ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލުވުމުގައި 50 އަށްވުރެ ގިނަ މެމްބަރުންވަނީ ބައިވެރިވެފައެވެ. މިބައްދަލުވުމުގައި މެމްބަރުން ވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ނިކުމެފައިވާ ގޮތާއިމެދު މަޝްވަރާކޮށްފައެވެ. މިމަޝްވަރާއަށްފަހު ނިންމާފައިވަނީ އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތަކުގެ ދިރާސާއެއް ހެދުމަށް ކޮމެޓީއެއް އެކުލަވާލުމަށެވެ. އަދި މިދިރާސާގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ފުޅާ ދާއިރާއެއްގައި އެކުލެވޭނެހެން ރައްޔިތުންގެ ގާތަށްގޮސް ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކާއިމެދު ދިރާސާ ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކުން އެމްޑީޕީއަށް ނާކާމިޔާބީ އާ ކުރިމަތިވި ފުރަތަމަ ފަހަރު ނޫންކަމަށެވެ. އެހެންކަމުން އަނެއްކާވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން އެއްބަސްވީ ޕާޓީ އަލުން ތަރުތީބުވެގެން ނިކުމެ އެމްޑީޕީގެ ފިލޯސަފީތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިިދުމަތް ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ބާރަށް މަސައްކަތް ފެށުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2013 އަދި 2014 ގައި ބޭއްވި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުން ބަލިވުމުންވެސް ބަލިވި ސަބަބު ދެނެގަތުމަށް ދިރާސާއެއްކޮށް އަލުން މަސައްކަތްތަކެއް ކުރިކަމަށެވެ. އަދި އެމަސައްކަތްތަކުގެ އަލީގައި 2018 އަދި 2019 ވަނަ އިންތިޚާބު އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބުކުރެވުނުކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އައި ގޮތުން އަނެއްކާވެސް އެފަދަ ދިރާސާއެއްކުރަން ނިންމީކަމަށް ޝާހިދު ވިދާޅުވިއެވެ. އެދިރަސާގެ އަލީގައި ދެން އަންނަ ރިޔާސީ އިންތިޚާބުގެވެސް އަދި އޭގެފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބުކުރާނެކަމަށް ޝާހިދު ވިދާޅުވިއެެވެ.

ޝާހިދު ވިދާޅުވީ، އެމްޑީޕީން ކަންކުރަނީ ދުރާލާ ރާވައިގެން ތަރުތީބުން، ގޯސްކޮށް ދިޔައީ ކޮން ކަންތައްތަކެއްތޯ ބަލައިގެންކަމަށެވެ.

އެމްޑީޕީގެ ކުރިމަގު ކަނޑައެޅުމަށް މަގުޗާޓެއް އެކުލަވާލަން އެޕާޓީން ނިންމާފައިވާއިރު، އެމްޑީޕީއަށް މިފަހަރުގެ މަޖިލިސް އިންތިޚާބުން ލިބުނު ނާކާމިޔާބީއާއެކު އެޕާޓީގެ ލީޑަޝިޕަށް ވަނީ ބޮޑެތި ނުރުހުންތަކެއް އަމާޒުވެފައެވެ.



More from vNews