ނިމިދިޔަ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް އިންތިޚާބުވެފައިވާ އެދާއިރާގެ އިންތިޚާބީ މެމްބަރު އަލީ އިބްރާހިމް (ކައްޕި) އަށް މ. މުލަކުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުލަކު ދާއިރާގެ ރައީސްގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ކައްޕިއަށް މުލަކުން ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފައި މިވަނީ، މަޖިލިސް އިންތިޚާބުގައި ހޯދި ފުރިހަމަ ކާމިޔާބީއަށްފަހު މުލަކު ރައްޔަތުން ދެއްވި ޚާއްޞަ ދަޢުވަތަކަށް އެރަށަށް ވަޑައިގަތުމާއި ގުޅިގެންނެވެ.
ކައްޕިއަށް މުލަކުން މަރުޙަބާ ދެންނެވުމަށްޓަކައި، މުލަކު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ހުސެއިން ރަޝީދުއާއި ކައުންސިިލްގެ މުވައްޒަފުން އަދި އާއިލާގެ ގިނަ މެމްބަރުންގެ އިތުރުން މުލަކުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އިސްރަށްވެހިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކައްޕިއާއިއެކު މިދަތުރުގައި މިނިސްޓްރީ އޮޕް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަދި ކައްޕިގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށް ދެއްވި އަލްފާޟިލާ އާއިޝަތު ނާޒިިމާގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސަޖަން އަދި ސީނިއަރ ޕޮލޮޓިކަލް ޑައިރެކްޓަރ އަޙުމަދު ރަޝީދު (ރެސްޓޭ) ބައިވެރިވެވަޑައިގެންފައިވެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން މުލަކުގެ އިސްރަށްވެއްސަކު ބުނެފައިވަނީ މިވޭތުވެދިޔަ ތަނުގައި ކައްޕިއަކީ މުލަކު ދާއިރާއަށް އަދި ޚާއްސަކޮށް މުލަކުގެ ޢިޖްތިމާޢީ އަދި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއްގައި ޢަމަލީގޮތުން ބައިވެރިވެ، ކުރި މަސައްކަތްތަކުގައި ނަތީޖާނެރެދީފައިވާ އަދި ރައްޔަތުންގެ ލޯބިލިބިފައިވާ ދަރިއެއް ކަމަށެވެ.
"ކައްޕިގެ މިކާމިޔާބީއަކީ އަޅުގަނޑުމެން އެންމެންގެވެސް ކާމިޔާބީއެއްކަމުގައި މި ދެކެނީ. މިއަދު އަޅުގަނޑުމެން ބޭނުންވީ ކައްޕިއަށް ހިތުގެ އެންމެފުންމިނުން ޝުކުރުއަދާކޮށްދޭން. އެކަން އަޅުގަނޑުމެން އަބަދުވެސް ދައްކަދޭނަން.”އޭނާ ބުންޏެވެ.
ނިމިދިޔަ ރައްޔަތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ސަރުކާރަށް ލިބިފައިވާއިރު، އަލަށް އިންތިޚާބުވެފައިވާ މެމްބަރުން މަޤާމާއި ހަވާލުވެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މެއި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގައެވެ.