ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
ހާރިޖީ ވުޒާރާ އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
Foreign Minister @Moosazameer departs on an official visit to #India. Foreign Minister Zameer will meet with his counterpart @DrSJaishankar and hold discussions on enhancing the longstanding partnership between #Maldives and #India.
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 8, 2024
ވަޒީރު އިންޑިއާއަށް ފުރާވަޑައިގަންނަވާފައިވާއިރު އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވަނީ އިއްޔެ އެދިވަޑައިގެންފައެެވެ.
ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެތެރެއިން އިންޑިއާގެ ޕްރެސް ޓްރަސްޓު އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ އިންޑިއާ ފަތުރުވެރިންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން އެދޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ކުރިން ފެށީގެން ހާރިޖީ ގުޅުން އޮތް ދެ ގައުމު ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ދެގައުމު އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަަށާއި، އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން އަބަދުވެސް ޕްރޮމޯޓު ކުރާނީ ހަމަޖެހުމާއި އެކުވެރިކަން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންޑިއާއަކީ އާބާދީ ބޮޑު ގައުމަކަށް ވެފައި އެ ގައުމުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާ ކަމަށް ވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 73،785 އެވެ. މި އަހަރުގެ އޭޕްރީލްގެ ނިޔަލަށް އިންޑިއާ އިން އައިސްފައި ވަނީ 42،638 ފަތުރުވެރިންނެވެ.
އިންޑިއާއަކީ ރާއްޖެެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމާއި، ގުޅިގެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނާންނަން ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.