އައްޑޫއަށް 24 ގަޑިއިރު ތެރޭ 167 މިލިމީޓަރުގެ ވާރޭ

Sat, 27 Apr 2024 09:42 AM

View on this article on Vaguthu

އައްޑޫއަށް 24 ގަޑިއިރު ތެރޭ 167 މިލިމީޓަރުގެ ވާރޭ

އައްޑޫސިޓީ ގަމަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 167.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.



"ވަގުތު" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ވިދާޅުވީ، އައްޑޫއަށް ކުރަމުން އަންނަ ވިއްސާރާގައި ރޭ އައްޑޫސިޓީ ގަމަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ. މެޓުން ވިދާޅުވި ގޮތުގައި ފާއިތުވި 24 ގަޑިއިރު ގަމަށް ވަނީ 167.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މިއީ މިއަހަރުގެ މިހާތަނަށް އައްޑޫއަށް އެންމެ ބޯކޮށް ވާރޭ ވެހުނު 24 ގަޑިއިރު ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ. އަދި މުޅި ރާއްޖެއަށް ބަލާއިރު ވެސް މިއަހަރު އެންމެ ބޯކޮށް ވާރޭ ވެހުނު އެއް ސަރަހައްދެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުޅުލެއަށް ވަނީ 179 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މެޓް އޮފީހުން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގުގުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން އުފެދޭ ވިލާގަނޑުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި މިދުވަސްވަރަކީ ދެ މޫސުން ވެސް ބެދޭ ދުވަސްވަރު ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެ ތެރެެއާއި ދެކުނަށް މެންދުރު ފަހުން ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ކުރާއިރު، އުތުރުގެ އެހެން އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.



More from Vaguthu