މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި

Fri, 26 Apr 2024 07:06 PM

View on this article on Vaguthu

މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންގެ މައްޗަށް 7 ދައުވާއެއް އުފުލައިފިއެވެ.



ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ، އޭނާގެ މައްޗަށް 7 ދައުވާ ކޮށްފައިވާ ކަމަށާއި އިންޓަރޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޢަބްދުﷲ މައުމޫންއަށާއި، ޢަބްދުﷲ މައުމޫންގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި ޢަބްދުﷲ މައުމޫންއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި 3 ދަޢުވާއެއް ކުރުމަށް 18 އެޕްރީލް 2024 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މި ދައުވާތަކަކީ ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ގޮތުގައި އުފުލާފައިވާ ދައުވާތަކެކެވެ. މިގޮތުން، އޭނާގެ މައްޗަށް ދައުވާ ކުރާ 7 މައްސަލައިގައި ޖުމުލަ، 298،403.5 އެމެރިކާ ޑޮލަރު އޭނާ ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ކަމަށް ޕީޖީން ވަނީ ފާހަގަކުރައްވާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ޢަބްދުﷲ މަޢުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން އެ އޮފީހަށް މަޢުލޫމާތު ދީފައިވާތީ ދަޢުވާ ލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވެވަޑައިގެންނެވި އެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދެއްވުމަށް ކޯޓުގައި ދަންނަވާފައިވާނެ ކަމަށެވެ.

އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށާއި، އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިކޮށްދިނުމަށްވެސް އެދިފައި ވާނެ ކަމަށެވެ.



More from Vaguthu