ރައީސްގެ ޖަވާބަށް އާންމުންނަށް ސުވާލު ފޮނުވޭ ގޮތް ހަދަނީ

Tue, 07 May 2024 08:57 AM

View on this article on Vaguthu

ރައީސްގެ ޖަވާބަށް އާންމުންނަށް ސުވާލު ފޮނުވޭ ގޮތް ހަދަނީ

އާންމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ސުވާލު ދެންނެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމުންނަށް ސުވާލު ފޮނުވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.



ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަގުމައްޗަށް ނިކުމެ ސުވާލު ކުރާ ފަރާތްތަކަށާއި ރައީސް ވަޑައިގަންނަވާ ރަށްތަކުގެ މީހުންނަށް ކަމަށެވެ. ނަމަވެސް ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން ސުވާލުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ހަމަ ހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ހޯދައި ދިނުމުގެ ގޮތުން، އަދި ހަމައެއާއި އެކީގައި ވީހާވެސް ގިނަ ފަރާތްތަކައް ރައީސުލްޖުމުހޫރިއްޔާއާއި ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސް ދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މިމަސައްކަތް ކުރަނީ، ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ފޮނުވޭނެ ނިޒާމެއް ޤާއިމް ކުރުމަށް" ހީނާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ގާތުން ހިދުމަތްދީ، ރައްޔިތުންނަށް ކަންތައްތަކުގެ މައުލޫމާތު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ "އަހާ" ފޯރަމް ވެސް ސަރުކާރުން ވަނީ ފަށާފައެވެ. އަދި ފޯރަމްގެ ދެވަނަ ބުރު ވެސް ވަނީ ބާއްވާފައެވެ.

"އަހާ" ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްއެކެވެ. މިއީ ކޮންމެ ދެ މަހުން އެއް މަހު ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތައް ކުރުމުގެ ފުރުޞަތުދީ އެކަމަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.

މީގެ އިތުރުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މީގެ ދެ މަސް ކުރިން އަހާ ފޯރަމްގައި ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.



More from Vaguthu