އިމްރާންގެ ވީޑިއޯ އާންމު ކުރުމުން ރައީސް ދެއްވި މެސެޖަށް ގިނަ ބައެއްގެ ތައުރީފު

Tue, 07 May 2024 09:18 AM

View on this article on Vaguthu

އިމްރާންގެ ވީޑިއޯ އާންމު ކުރުމުން ރައީސް ދެއްވި މެސެޖަށް ގިނަ ބައެއްގެ ތައުރީފު

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ހެއްދެވި ވީޑިއޯ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖަށް ގިނަ ބަޔަކު ތައުރީފު ކުރަން ފަށައިފިއެވެ.



މީހަކަށް ކުރެވޭ ކުށަކުން އެމީހަކު ފަޟީހަތްކޮށް، ޤާނޫނު އަތްމައްޗަށް ނެގުން ހުއްޓާލުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.

ކުށެއް ކޮށްފި މީހަކާއި މެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހެއް ކަމަށެވެ.

ރައީސްގެ މި ވާހަކަތަކާއި ގުޅިގެން އެކި މީހުން ވަނީ "އެކްސް" ގައި އެމަނިކުފާނަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އަދާލާތު ޕާޓީގެ މެމްބަރު ތޫބާ ރަޝީދު ވަނީ ރައީސް ވިދާޅުވީ ހައްގު ބަސްފުޅެއް ކަމަށާއި އެކަމަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އިތުރު މީހަކު ވަނީ އެ މަނިކުފާނު ދެއްކެވީ ނަމޫނާއެއް ކަމަށާއި، ސިޔާސީ ގޮތުން ބަދަލުނުހިފުމަށް ރައީސް ހިތްވަރު ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ބަދަލު ހިފުން ވަނީ ރުޅިވެރިކަމާއި، ފަސާދައަށް ހުޅުވާލެވޭ ދޮރެއް ގޮތުގައި ކަމަށާއި މި މުޖުތަމަޢުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިލްތިމާސް ކުރުމުން ދޭހަކޮށްދެނީ ރައީސަކީ ގައުމުގެ މަސްލަހަތު އިސްކުރައްވާ ރައްޔިތުންގެ ގުޅުން ބަދަހި ކުރުމަށް ބާރު އަޅުއްވާ ވެރިޔެއްގެ ގޮތުގައި ކަމަށް ވެސް އެހެން މީހަކު ވަނީ ބުނެފައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ އިމްރާންގެ ކާރުގައި ޕިކަޕަކުން ޖެހުނު މައްސަލައެއްގައި، ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި މެމްބަރަކު، އެމައްސަލަ ހައްލުކުރުމަށް ދެފަރާތާއި ވާހަކަ ދައްކާ މަންޒަރެވެ.

އެގޮތުން ޕިކަޕު ދުއްވި މީހާއަށް މާފު ކުރުމަށް އޭނާ އިމްރާން ކައިރީގައި އެދުނުއިރު، އިމްރާން އެކަމާއި ވަކި އެއްޗެއް ނުބުނުމުން ގިނަ ބައެއްގެ ނުރުހުން އިމްރާނަށް ވަނީ ލިބިފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެފަދަ މަންޒަރު ވީޑިއޯކޮށް އާންމު ކުރުމަކީ ވެސް މީހުންގެ އަގު ވައްޓާލުން ކަމަށް ބުނެފައެވެ.



More from Vaguthu