އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓަރ ކޮށްދީފި

Thu, 25 Apr 2024 04:52 PM

View on this article on Vaguthu

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓަރ ކޮށްދީފި

އިލެކްޝަންސް ކޮމިޝަނުން ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ރަޖިސްޓަރ ކޮށްދީފިއެވެ.



ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވަނީ މިއަދު "އެކްސް" ގައި ޕީއެންއެފް ރަޖިސްޓްރީ ކުރި ކަމަށް ވިދާޅުވެ އެ ސިޔާސީ ޕާޓީގެ ރަޖިސްޓްރީ ހިއްސާ ކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވީ އޭޕްރިލް 10 ވަނަ ދުވަހުގެ ރެއެވެ.

މި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައެވެ. ޕީއެންއެފުން ވަނީ އެ ޖަލްސާ ބޭއްވުމަށްޓަކައި އެ ސްކޫލްގެ ހުއްދަ ވެސް ހޯދައިފައެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން ޕީއެންއެފްއާއެކު ޣިޔާސުއްދީންގެ ހޯލް ދޫކުރުމަށް ވި އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ. އަދި އެކަން އީމެއިލް މެދުވެރިކޮށް ޕީއެންއެފަށް އެންގިއެވެ.

އެކަމަކު، ޕީއެންއެފުން ވަނީ އެ އެންގުމަށް ބޮލާލައި ޖަހައި ޣިޔާސުއްދީން ސްކޫލްގައި ޖަލްސާ ބާއްވަން މަސައްކަތްކޮށްފައެވެ. އެހެންވެ، ފުލުހުން ވަނީ އެކަން ހުއްޓުވަން ވެސް މަސައްކަތްކޮށްފައެވެ. އެ މަސައްކަތް ފުލުހުން ކުރުމުން ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިނގިއެވެ.

އެ ކުރިމަތިލުން ހިނގީ ޣިޔާސުއްދީންގެ ހުއްދަ ނެތި އެ ސްކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތް ކުރުމުން ރައްކާތެރިކަމަށް އެދި ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުމާ އެކު، ފުލުހުން ގޮސް ސްކޫލްގެ ގޭޓް ބަންދުކޮށް އެ ތަނަށް ސަޕޯޓަރުންނަށް ނުވަދެވޭ ގޮތް ހެދުމުންނެވެ. މި ކުރިމަތިލުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައެވެ.

ފުލުހުން އެކަން ހުއްޓުވި ނަމަވެސް، ޖަލްސާގައި ބައިވެރިވާން ދިޔަ ވަރަށް ގިނަ ބަޔަކު ޖަލްސާ ކުރާ ހޯލަށް ވަނެވެ. އެކަމަކު، ފަހުން އިއުލާން ކުރީ ކުރީގެ ނިއު ޕޯޓު ސަރަހައްދު ނުވަތަ ސިނަމާލެ ބްރިޖު ޕްލެޓްފޯމްގައި ޖަލްސާ އޮންނާނެތީ ހުރިހާ އެންމެން އެތަނަށް ދިއުމަށެވެ.

ޖަލްސާގައި 329 މީހުން ބައިވެރިވެފައިވެއެވެ.

މި ޖަލްސާގައި ޕީއެންއެފްގެ ވަގުތީ ރައީސަކަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެންދެން އެކުލަވާލި ވަގުތީ ކޮމިޓީއަށް 20 ނަމެއް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ޔާމީންގެ ނަން ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ޖަލްސާގައި ވަނީ ޕާޓީގެ ލޯގޯ އާއި އަސާސީ ގަވައިދުގެ އިތުރުން ޕާޓީގެ ކުލަ ފާސްކޮށްފައެވެ. ޕާޓީގެ ކުލައަކީ ދަނބު ކުލައެވެ. އެ ޖަލްސާގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ޒޭންގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަލްސާ ނިމުނު ފަހުން ކުރީގެ ރައީސް ޔާމީން ވެސް އެ ތަނަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރެއްވިއެވެ.



More from Vaguthu