ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ރުށްތަކަށް 7 ޓަނުގެ ފެން ޖަހައިފި

Sat, 04 May 2024 10:43 PM

View on this article on Vaguthu

ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ރުށްތަކަށް 7 ޓަނުގެ ފެން ޖަހައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ރުށްތަކަށް 7 ޓަނުގެ ފެން ޖަހައިފިއެވެ.



އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އިއްޔެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިކަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށް އެމްއެންޑީއެފުން ވަނި ވިދާޅުވެފައެވެ.

އެގޮތުން، ހުވަނި ގިނަވެފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަސްތަކަށް ސިފައިން ވަނީ ޖުމުލަ 7 ޓަނުގެ ފެން ޖަހާފައެވެ. އަދި އެ ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް މީގެ މަހެއްހާ ދުވަސްކުރިން ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދިނެވެ.

ހުވަންޏަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ދޮޅު އިންޗި ނުވަތަ ދެ އިންޗި ހުންނަ ވަރަށް ބޮޑުވާ ފަންޏެކެވެ. ހުވަނި އަޅަނީ ގަސްގަހުގައި ކަމުގައި ވިޔަސް ހުވަނީގެ އުނދަގޫ އެންމެ ބޮޑުވަނީ އިންސާނުންނަށެވެ.

އާންމުކޮށް ހުވަނި ގައިގައި ޖެހުމަކީ މާ ނުރައްކާތެރިކަމަކަށް ނުވިޔަސް، ބައެއް ފަހަރު މިކަމަކީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެކަމެކެވެ. އަދި އެލާރޖިކްވެގެން ޖެހޭ ބައްޔެއް ހުންނަ މީހަކުނަމަ އެބަލި ބޮޑުވުންވެސްް އެކަށީގެންވެއެވެ. އެގޮތުން ނޭވާ ހިއްލާ މީހެއް ނަމަ އެކަމުގެ އުނދަގޫ ބޮޑުވެދާނެއެވެ.

ހަށިގަނޑުގައި ހުވަނި ޖެހުމުން އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަން:

  • ހުވަނި ޖެހިއްޖެނަމަ އެހިސާބުގައި ގައިގައި އުނގުޅަން ބޭނުން ކުރާ ތެލެއް އަވަހަށް އުނގުޅާށެވެ.
  • ތެޔޮ އުނގުޅުމަށްފަހު އަވަހަށް ސައިބޯނިލައިގެން ފެންވަރައި ރަނގަޅަށް ފެން ހިއްކާލާށެވެ.
  • ހުވަނީގެ އަސަރު ފޯރި ހިސާބުގައި ކެލަމިން ލޯޝަން އުނގުޅާލާށެވެ.
  • ހިރުވުމާއި ކެހުން މަޑުކުރުމަށްޓަކައި ވީ އެންމެ އަވަހަށްް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

 



More from Vaguthu