ފަންގިފިލާ ހުސްކުރަން އެންގީ ބެޑް ކެފޭސިޓީ އިތުރުކުރަން، ކުދިން މަގު މައްޗެއް ނުވާނެ - ދަރުމަވަންތަ

Thu, 25 Apr 2024 04:28 PM

View on this article on Vaguthu

ފަންގިފިލާ ހުސްކުރަން އެންގީ ބެޑް ކެފޭސިޓީ އިތުރުކުރަން، ކުދިން މަގު މައްޗެއް ނުވާނެ - ދަރުމަވަންތަ

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރު ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިގާ ދެ ފަންގިފިލާ ހުސްކުރަން އެންގީ ބެޓް ކެޕޭސިޓީ އިތުރު ކުރުމަށް ކަމަށާއި އެ ތަނުގައި ކިޔަވަމުންދާ ކުދިން މަގުމަތި ނުވާނެ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.



އެމްއެންޔޫގެ ފަރާތުން ހިންގާ މެޑިސިން ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 12 ވަނަ ފަންގިފިލާ ދޫކޮށްފައި ވެއެވެ. ނަމަވެސް އެތަން ހުސްކުރަން އަންގާފައިވާތީ އެ އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ދަރިވަރުންގެ ކިޔެވުން ހުއްޓި މަގުމަތިވެދާނެ ކަމަށް އެ ދަރިވަރިން ބުނަމުން ދެއެވެ.

މިކަމާ ގުޅިގެން ސީއީއޯ އަބްރާހިމް އަބްދުއް ރައްޒާގް ހަލީމް "ވަގުތަށް" ވިދާޅުވީ އެތަން ހުސްކުރުމަށް އެމްއެންޔޫއަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރީ އެ ޔުނިވާސިޓީއާއި ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ ފަންގިގިލާ މި އަހަރު ޖޫން-ޖުލައި ހިސާބު ހުސްކުރާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވާ ކަމަށް ރައްޒާގް ވިދާޅުވިއެވެ.

"އެ ދެ ފަންގިފިލާއަކީ އެޑްމިނިސްޓްރޭޓިވް މަސައްކަތަށް ހާއްސަ ކޮށްފައިވާ ދެ ފަންގިފިލާ. އެ ތަން ހުސްކުރުމަށް އެންގީ ބެޓް ކެފޭސިޓީ އިތުރުކުރުމަށް. މިހާރު ވެސް އައިޖީއެމްއެޗްގެ ވޯޑުތައް ހުންނަނީ ފުރިފައި. އެހެންވީމަ އެ މައްސަލަ ހައްލުކުރުމަށް އެތަން ބޭނުން ކުރުމަށް ހުސްކުރަން އެންގީ." ރައްޒާގް ވިދާޅުވިއެވެ.

ރައްޒާގް ވިދާޅުވީ ތަން ހުސްކުރަން އެންގީ ކުދިންނަށް ދެރައެއްދޭން ނޫން ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދު އާބާދީ އިތުރުވެފައިވާތީއާ އެ ހޮސްޕިޓަލަށް ހިދުމަށް ހޯދުމަށް އަންނަމުން މީހުންގެ އިތުރުވަމުންދާތީ އައިޖީއެމްއެޗްގެ އެނދުތައް އަބަދުވެސް ފުލްކޮށް ހުންނަ ކަމަށް ވިދާޅުވިއެވެ. އެ މައްސަލަ ހައްލުކުރުމަށް އެ ދެ ފަންގިފިލާގައި ވޯޑު ހެދުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އައިޖީއެމްއެޗް އިމާރާތް ކުރެވުނީއްސުރެ މިހާތަނަށް މި ހޮސްޕިޓަލްގެ ބެޓް ކެފޭސިޓީ އިތުރުވެފައެއް ނުވޭ. ދެން ދަރުމަވަންތަ ހޮސްޕިޓަލުގައި މި ހުންނަނީ ޕްރައިވެޓް ރޫމްތަކެއް. އަބަދުވެސް އަޅުގަނޑުމެންނަށް ބަލި މީހުން ބަހައްޓާނެ އެނދު ނުލިބުމުގެ ދަތިތަކާ މި ކުރިމަތިވަނީ. އެ މައްސަލަ ހައްލުކުރުމަށް ނިންމި ނިންމެއް އެއީ،". ރައްޒާގް ވިދާޅުވިއެވެ.

ރައްޒާގް ވިދާޅުވީ މެޑިސިން ސްކޫލްގެ ދަރިވަރުންނަށް ކިޔެވުމަށް އެހެން އިމާރާތެއް އެމްއެންޔޫއިން ހަމަޖައްސާނެ ކަމަށެވެ. ކުދިން އެކަމާއި ކަންބޮޑުނުވުމަށް އޭނާ ވަނީ އެދިލައްވާފައެވެ. އަދި މިހާރު ވެސް ކިޔަވައިދިނުމަށް އައިޖީއެމްއެޗްގެ ފަރާތުން ދެމުންދާ އެހީ ދޭނެ ކަމަށް ރައްޒާގް ވިދާޅުވިއެވެ.



More from Vaguthu