31 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަނީ

Wed, 24 Apr 2024 10:48 PM

View on this article on Vaguthu

31 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަނީ

އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމުގެ ގާނޫނުގެ ދަށުން 31 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާންކޮށްފިއެވެ.



ލޯކަލް ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް މީހުން ނަގަން ފެށީ 2021 އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދުކުރި އިއުލާނެއްގައި ބުނެފައިވަނީ އެއްވެސް އެސްޖީއަކު ނެތް ރަށްތަކަށް 31 އެސްޖީން ހޯދަން ބޭނުންވާ ކަމަށެވެ.

އެސްޖީން ބޭނުންވާ ރަށްތައް:

  • ހއ. ވަށަފަރު
  • ހއ. މުރައިދޫ
  • ށ. ފޭދޫ
  • ށ. މަރޮށި
  • ށ. ފީވަށް
  • ރ. ވާދޫ
  • ރ. ރަސްމާދޫ
  • ރ. އިންނަމާދޫ
  • ބ. ކިހާދޫ
  • ބ. ފުޅަދޫ
  • ބ. ހިތާދޫ
  • ކ. ތުލުސްދޫ
  • އއ. ތޮއްޑު
  • އއ. މާޅޮސް
  • އދ. ދިއްދޫ
  • އދ. ހަންޏާމީދޫ
  • ވ. ތިނަދޫ
  • ވ. ފުލިދޫ
  • ވ. ފެލިދޫ
  • ވ. ރަކީދޫ
  • މ. މަޑުއްވަރީ
  • ފ. ދަރަނބޫދޫ
  • ދ. ރިނބުދޫ
  • ދ. ކުޑަހުވަދޫ
  • ދ. މާއެނބޫދޫ
  • ތ. ގާދިއްފުށި
  • ތ. ތިމަރަފުށި
  • ގއ. ކޮލަމާފުށި
  • ގއ. ދެއްވަދޫ

ސީއެސްސީން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މޭ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެސްޖީގެ ދެ ރޭންކެއް ހިމެނެއެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 18،135 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 13،250 ރުފިޔާއެވެ. މީގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ލިބޭނެއެވެ.

އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ސިވިލް ސާވިސް އިން ބުނީ ދެ ރޭންކަށްވެސް ވަކި ޝަރުތުތަކެއް ހަމަވާންޖެހޭ ކަމަށެވެ. އެގޮތުން މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ދެވަނަ ކެޓަގަރީގެ ޝަރުތު ހަމަވާ ފަރާތްތަކަށް ފުރުސަތު ދެވޭނީ ފުރަތަމަ ކެޓަގަރީގެ ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ ތެރެއިން ފުރަތަމަ ރޭންކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއް ނޫނީ ނުވައެއްގެ ސަނަދެއް ހާސިލްކޮށްފައިވާން ޖެހެއެވެ.

އޭގެ އިތުރުން ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓާގައި ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން ތިން އަހަރު ދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.

ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސް ވެރިއަކީ އެސްޖީއެވެ.



More from Vaguthu