ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު، ފުލުހުން އޭނާ ބަލައި ފާސްކުރަން ވަނުމުން އަތުގައި ހުރި މަސްތުވާތަކެތި ދިރުވާލައިފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫއަށް ނިސްބަތްވާ 45 އަހަރުގެ މީހެކެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
ބަންދު އަމުރުގައިވާގޮތުން އޭނާގެ ހަގީގީ ހިޔާޒާތުން މަސްތުވާތަކެތި ޓްރެފިކިން މިންގަނޑަށް އަރާވަރަށް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ބަންދު ކޮށްފައި ހުއްޓާ އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެ ކަމަށް ބެލެވިގެން ސީޓީ ސްކޭނެއް ހެދި ކަމަށްވެސް ބުނެފައި ވެއެވެ.
ސީޓީ ސްކޭން ހެދި އިރު އޭނާގެ އެތެރެ ހަށީގައި މަސްތުވާތަކެތި ފޮރުވާފައިހުރިކަން ފާހަގަވެފައިވާ ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ. އަދި ދާދި ފަހުން އޭނާ ރާއްޖެއިން ބޭރަށްވެސް ދަތުރުކޮށްފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އަމުރުގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްފައި ހުރި މަސްތުވާތަކެއްޗަކީ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓައި ފުލުހުން ބަލައި ފާސްކުރަން ވަނުމުން ދިރުވާލި އެއްޗެހި ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެއީ އޭނާ ބޭނުން ކުރަން ގެންގުޅޭ ތަކެތި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.