ފުވައްމުލަކު ދެކުނު ގޮނޑި ގެއްލުނީ ފައިސަލް ނަސީމުގެ ސަބަބުން - މަހްލޫފް

Tue, 23 Apr 2024 08:18 PM

View on this article on Vaguthu

ފުވައްމުލަކު ދެކުނު ގޮނޑި ގެއްލުނީ ފައިސަލް ނަސީމުގެ ސަބަބުން - މަހްލޫފް

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ، ފުވައްމުލަކަށް ނިސްބަތްވާ މިދިޔަ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.



އެ ދާއިރާގެ ގޮނޑި ނެގީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ.

އެ އިންތިހާބާއި ގުޅުވައިގެން މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ، އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

"މިކަމުގައި އަޅުގަނޑުމެން މިތިބީ ދޫދޭކަށް ނޫން،".

މަހްލޫފް ވިދާޅުވިގޮތުގައި، މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންގމޭޓަކަށް ހަމަޖެއްސި ހިސާބުންނެވެ.

"އަދިވެސް އިތުރު ސަބަބެއް ހިމެނޭ، އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސް އަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސއްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑިވެސް މި ވަނީ ގެއްލުވާލާފައި،". މީގެ ދެ މަސް ކުރިން އެމްޑީޕީއާ ގުޅިވަޑައިގަތް ފައިސަލްއާ ގުޅޭގޮތުން މަހްލޫފް ވިދާޅުވިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ނަޒްރާ އެމްޑީޕީ މަޖިލީސް ޕްރައިމަރީގައި ވާދަކުރިއިރުން ފެށިގެންވެސް ފައިސަލް އޭނާގެ ކެމްޕެއިންގައިވެސް އުޅެފައެއް ނުވެއެވެ. އަދި ނަޒްރާ މަޖިލީހަށް ނުގެނައުމަށް، ފައިސަލް އެންޓިކެންޕެއިން ކުރި ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ނަޒްރާގެ ކޮއްކޮ އަސްރާ ނަސީމް ބުނެފައިވާގޮތުގައި ނަޒްރާއަށް އިންތިހާބުގައި ލިބިފައި ވަނީ ބޮޑު ކަމިޔާބީއެކެެވެ. އަދި ބޭބެ ފައިސަލް ވިދާޅުވެގެން އެންޓިކެމްޕެއިން ކުރިއިރު، މުޅި އާއިލާއަށް ދުއްތުރާ ކުރިި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅާއަށް އެ އިންތިހާބު ކާމިޔާބު ކުރެވުނީ ނަޒްރާއާ 48ގެ ވޯޓުގެ ތަފާތުން ކަަމަށް ބުނެފައި ވެއެވެ.

އަދި ފައިސަލް ސިޔާސީ ކަމެއްގައި ނުކުމެގެން ދެން އާއިލާގެ ތާއިދެއް ނުލިބޭނެ ކަަމަށްވެސް އަސޫ ބުނެފައި ވެއެވެ.



More from Vaguthu