ފުވައްމުލަކުގައި އަރުޝީފު ގާއިމުކުރީ ހަގީގީ މާނައިގައި ލާމަރުކަޒީކޮށް މަސައްކަތްތައް ރޭވުމަށް: ޕީޖީ އޮފީސް

Fri, 19 Apr 2024 11:34 AM

View on this article on Vaguthu

ފުވައްމުލަކުގައި އަރުޝީފު ގާއިމުކުރީ ހަގީގީ މާނައިގައި ލާމަރުކަޒީކޮށް މަސައްކަތްތައް ރޭވުމަށް: ޕީޖީ އޮފީސް

ޏ. ފުވައްމުލަކުގައި އެ އޮފީހުގެ އަރުޝީފު ގާއިމްކުރީ ހަގީގީ މާނައިގައި ލާމަރުކަޒީ އުސޫލުން މަސައްކަތްތައް ރޭވުމަށްޓަކައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.



ޕީޖީ އޮފީހުން މިހެން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު "އުންސުރު" ގެ 6 ވަނަ އަދަދުގައި، އަރުޝީފު ޏ. ފުވައްމުލަކަށް ބަދަލު ކުރުމާ ގުޅޭގޮތުން ޝާއިއުކުރި ލިޔުމެއްގައެވެ.

ޕީޖީ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ގާއިމުކޮށް، ރަސްމީކޮށް ހުޅުވާފައިވަނީ 6 މާރިޗު 2024 ގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤުއެވެ. މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން ޕީޖީ އޮފީހުގެ މައްސަލަތައް އަރުޝީފު ކުރަމުން ދިޔައީ މާލޭގައި ހުންނަ ޕީޖީގެ މައި އޮފީހުގައެވެ. އަދި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ގޮފިތަކުން ބަލަހައްޓާ މައްސަލަތައް އެ ގޮތްޕެއްގައެވެ. ޕީޖީ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުވުމާއެކު، އެންމެހައި މައްސަލަތައް މަރުކަޒީކޮށް އަރުޝީފު ކުރަމުން ގެންދާނީ ފުވައްމުލަކުގައި ކަމަށް ބުންޏެވެ.

ކޮންމެ އަހަރަކުވެސް އެ އޮފީހަށް އެވަރެޖްކޮށް ދެހާހެއްހާ މައްސަލަ ހުށަހެޅޭ ކަމަށާާއި މައްސަލައެއް އަރުޝީފުކުރަނީ މައްސަލައިގެ އެންމެހައި މަރުހަލާތައް ނިމި ފަހު ގޮތެއް ކަނޑައެޅުމުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް އެ އޮފީހުގެ އަރުޝީފަށް ދާނީ އިތުރުވަމުންނެވެ.

އެހެންކަމުން އެފަދަ ސްޓޯރޭޖެއް ގާއިމުކުރުމަށް މާލެއަކީ އެންމެ އެކަށީގެންވާ ތަނެއްކަމަށް ދެކެވަޑައިނުގަންނަވާތީއާއި، ހަގީގީ މާނައިގައި ލާމަރުކަޒީ އުސޫލުން މަސައްކަތްތައް ރޭވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ފުވައްމުލަކު ސިޓީގައި އެ އޮފީހުގެ އަރުޝީފު ގާއިމުކުރަން ނިންމެވި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، އެ އޮފީހުގެ އަރުޝީފު ފުވައްމުލަކުގައި ގާއިމުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ، ފުވައްމުލަކަކީ ބިމުގެ ގޮތުން ތަނަވަސް ރަށަކަށްވެފައި، ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އަރުޝީފު ޤާއިމުކުރުމަށް އެކަށީގެންވާ ޖާގައެއް ލިބޭނޭކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ދެއްވުމުން ކަމަށެވެ. އަދި ފުވައްމުލައް ސިޓީއަކީ ތައުލީމީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ސިޓީއަކަށްވެފައި، އަރުޝީފާއި އޮފީސް ހިންގުމަށް އެންމެ އެކަށީގެންވާ ރަނގަޅު މުވައްޒަފުންނާއި ވަސީލަތްތައް އެ ރަށުން ލިބެން އޮތުމަކީވެސް ފުވައްމުލަކުގައި އަރުޝީފު ގާއިމުކުރުމަށް ނިންމި އެއް ސަބަބުކަން ވަނީ ފާހަގަކޮށްފައެވެ.

ޕީޖީ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ގާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތާރީހީ ރެކޯޑުތައް ފުރަތަމަ ފަހަރަށް މަރުކަޒީ ގޮތެއްގައި މާލެފިޔަވައި އެހެން ރަށަކަށް ބަދަލުކުރެވުނީއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީހީ ރެކޯޑުތައް ދެން ބަލަހައްޓަމުންގެންދާނީ ފުވައްމުލައް ސިޓީގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފުވައްމުލަކުގައި އަމަން އަމާންކަން ގާއިމުކުރުމަށް ފުލުހުންނާއި، ސިޓީ ކައުންސިލާއި، އެރަށުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަށް ގާތުން އެހީތެރިކަން ދިނުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޕްރޮސިކިއުޓަރެއް އެރަށުގައި ގާއިމުވެ ހުންނަވާގޮތަށް ވެސް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ކުރިން ހަމަޖައްސަވާފައެވެ. އަދި 23 މޭ 2023 އިން ފެށިގެން އެ އޮފީހުގެ ގޮތްޕެއް ފުވައްމުލަކުގައި ވާނީ ގާއިމުކޮށްފައެވެ.



More from Vaguthu