ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ މަސައްކަތް ނުކުރުމަށް އިލްތިމާސް ކޮށްފި

Thu, 02 May 2024 06:04 PM

View on this article on Vaguthu

ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ މަސައްކަތް ނުކުރުމަށް އިލްތިމާސް ކޮށްފި

މިދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވުމަށް މަގުފަހިވާ ދުވަސްވަރެއް ކަމުން ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ މަސައްކަތް ނުކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.



އެވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ)އިން ވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގާ ހުދުމުވުމުގެ ހާދިސާއަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑުތަކަށް އަސަރުކުރާނޭ ފުޅާ ދާއިރާއެއްގައި ގާހުދުމުވުގެ ހަތަރު ވަނަ ހާދިސާ ކަމަށާއި މިއީ މިފާއިތުވީ 10 އަހަރު ތެރޭގެ ދުނިޔެއަށް މިގޮތަށް ފުޅާ ދާއިރާއެއްގައި ކުރިމަތިވާ ދެވަަނަ ގާހުދުވުުމުގެ ހާދިސާކަން ފާހަަގަކޮށްފައިވާ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި، ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް، ނޮއާއިން ހިންގާ "ކޮރަލް ރީފް ވޮޗް" ޕްރޮގްރާމުން އެކި ޤައުމުތަކުގެ ކަނޑުތަކުގެ ހޫނުމިނާއި ގުޅިގެން ފަރުތަކުގެ ގާ ހުދުވުމަށް ކުރިމަތިވާ ސްޓްރެސް އަށް ބަލައި ގާ ހުދުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު އަންދާޒާކޮށް، ތަފާތު ފަސް ގިންތިއަކަށް ބަހާލާފައިވެއެވެ.

މި މައުލޫމާތުގެ ބޭނުމަކީ ގާ ހުދުވުމުގެ މައްސަލަތައް ކުރިއާލައި އަންދާޒާކޮށް، ފަރުތައް މޮނިޓަރކުރުމާއި، ފަރުތަކަށް ސްޓްރެސް ކުޑަކުރުމަށް ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިކޮށްދިނުމެވެ.

އެވުޒާރާއިން ބުނީ އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މިވަގުތު އޮތީ [ވޯނިންގ" ލެވެލް (ތިންވަނަ ގިންތި) ގައި ކަމަށެވެ. އަދި ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މިވަގުތު "އެލަރޓް ލެވެލް 1"ގައި އޮތްކަމަށް ސެޓަލައިޓު މައުލޫމާތުން ދައްކާއިރު، ކުރިއަށް އޮތް ހަފްތާތަކުގައި "އެލާރޓް ލެވެލް 1" އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަަށް [އެލާރޓް ލެވެލް 2] އަށް ފޯރުންވެސް އެކަށީގެންވާ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ގާ ހުދުވުމުގެ އަސަރު ފުޅާ ދާއިރާއެއްގައި ކުރަމުން ދާކަމުގެ މައުލޫމާތު މިހާރު ދަނީ ލިބެމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ގުޅި ލާމެހިފައި ވީހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ވީމާ، ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް (ފަޅުފުންކުރުމާއި، ބިންހިއްކުމާއި، ބީޗް ނަރިޝިންގފަދަ ކަންކަން) ވަގުތީގޮތުން މަޑުޖައްސާލުމަށް އެވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގާ ހުދުވެފައިވާކަން ފާހަގަކުރެވޭނަމަ، ކޮރަލް ބްލީޗިންގ ރިޕޯރޓިންގ ލިންކް މެދުވެރިކޮށް އެއިންސްޓްޓިއުޓަށް އެމައުލޫމާތު ފޯރުކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ. ނުވަތަ، މި ފޯމު އިން ޑައުންލޯޑު ކުރައްވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހުު އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.



More from Vaguthu