ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޖުރިމަނާތައް މާފުކޮށްދެނީ

Thu, 02 May 2024 04:56 PM

View on this article on Vaguthu

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޖުރިމަނާތައް މާފުކޮށްދެނީ

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޖޫރިމަނާތައް މާފުކޮށްދޭން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.



ހިންމަފުށީގައި މިއަދު ފެށި "އޮޕަރޭޝަން ކުރަނގި"އަށްފަހު މީޑިޔާއަށް މައުލުމާތު ދެއްވަމުން އިހުސާން ވިދާޅުވީ ޤަވައިދާ ޚިލާފަށް އުލޭ ބިދޭސީންގެ މިހާތަނަށް ހުރި ޖޫރިމަނާތައް މާފުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ނުގަވާއިދުން އުޅޭ ބިދޭސީން ދެނެގަތުމަށް ފަހު، ސިސްޓަމުގެ ތެރެއިން ރާއްޖޭގައި އުޅެވޭނެ މަގުފަހިކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިހުސާން ވިދާޅުވީ ޖޫރިމަނާތައް މާފުކުރަން ނިންމި ނަމަވެސް އިނގިލީގެ ނިޝާން ނެގުމާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން ޤާނޫނުގެ ތެރެޔަށް ވެއްދުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެ މީހާގެ ގައިގައި ނެތް އެ ޖުރިމަނާ ދައްކާނެ ފެންވަރެއް. ނެތީމާ، ޖޫރިމަނާ ނުދައްކާތީވެ، ހަމަ ގަވާއިދާ ޚިލާފަށް އޭނާ ބަހައްޓައިގެން މި ހުރިހާ ދުވަހު ވެސް އަޅުގަނޑުމެން މި ތިބީ،" އިހުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބައެއް ބިދޭސީންނަކީ އެ ޖޫރިމަނާތައް ދެއްކޭފަދަ ޤާބިލްކަމެއް ލިބިފައިވާ ބައެއް ނޫން ކަމަށާއި ސަރުކާރުންވެސް ލުއިތަކެއް ދީގެން ނޫނީ އެމީހުން ނިޒާމުގެ ތެރެޔަށް ގެނެސް މި މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޖޫރިމަނާ މާފުކުރުން ވެގެންދާނީ އެމީހުންނަށް ލިބިގެންދާނެ ލުޔެއް ކަމަށާއި ޤާނޫނީ ނިޒާމުގެ ތެރެޔަށް އެމީހުން ގެނައުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އެއްވެސް ގަވާއިދެއްގެ ސަބަބުން މި އޮޕަރޭޝަނަށް ހުރަސްއެޅޭ ނަމަ، އެ ޤަވާއިދެއް ވެސް ބަދަލުކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ބޭނުންވަނީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުން ކަމުގައި ވަނީ ވިދާޅުވެފައެވެ.



More from Vaguthu