ރައީސް ސޯލިހް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ: ރައީސް ނަޝީދު

Mon, 29 May 2023 10:44 PM

View on this article on Vaguthu

ރައީސް ސޯލިހް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަނީ ވަކިކޮށްފައެވެ. އޭނާ ވަކިކޮށްފައި ވަނީ ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ދި ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް މިއަދު ސަރުކާރުން ވަކި ކުރެއްވި މުޖުތަބާއަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ.

"ރައީސް ސޯލިހް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކި ކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެބޭފުޅުން ވަކި ކުރައްވަން ފެއްޓެވީ ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ހަރަކާތް ފުޅާ ކުރައްވައި އެންމެ ފަހުން "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ފެށި ފަހުންނެވެ.

އެންމެ ފުރަތަމަ ވަކިކޮށްފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އޭގެ ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ހަމްދާނާއި އަނބިކަނބަލުން އަދި ހޯމް މިނިސްޓްރީގެ އާޝިޔަތު އަލައިކާ އަދުނާން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު ފަދަ ބޭފުޅުން ވަނީ ވަކިކޮށްފައެވެ.

މުޖުތަބާގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) ވެސް މިއަދު ވަނީ ވަކިކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކުރުމުން ދޭހަވަނީ ރައީސް ސޯލިހްގެ ފިނޑި ކަމެވެ. ސިޔާސީގޮތުން ހިޔާލު ތަފާތުވުމުން ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު ފަރާތްތަކަށް ސަރުކާރުގައި ހިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ގައުމުގެ މުސްތަގްބަލަށް އެޅޭ ހިޔަންޏެއް ކަމަށް ވެސް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.



More from Vaguthu