ރިސޯޓެއްގައި މޫދަށް ވެއްޓުނު މުވައްޒަފަކު ސަލާމަތް ކުރީ ދެ ފަތުރުވެރިން

Sat, 04 May 2024 12:28 PM

View on this article on Vaguthu

ރިސޯޓެއްގައި މޫދަށް ވެއްޓުނު މުވައްޒަފަކު ސަލާމަތް ކުރީ ދެ ފަތުރުވެރިން

ދުސިތު ތާނީ މޯލްޑިވްސްއަށް ހަނީމޫނަށް އައި ދެ ފަތުރުވެރިއަކު އެ ރިސޯޓުގައި މޫދަށް ވެއްޓުނު މުވައްޒަފަކު ސަލާމަތްކޮށްފިއެވެ.



ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި މިސް ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ މި ދެމަފިރިން ހަނީމޫން، ދުސިތް ތާނީގައި ހޭދަކުރަމުންދަނިކޮށް، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ރިސޯޓު ވޯޓާ ވިލާގެ ޑެކުން ވެއްޓުނު މުވައްޒަފަކު ސަލާމަތްކުރުމުން ބ. އަތޮޅު ފުލުހުން ވަނީ މިކަން ފާހަނގަކޮށް އެ ދެ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

ޑެކުން މުވައްޒަފު މޫދަށް ވެއްޓުމުން އަނިޔާވެ، ގެނބިގެން ގިނައިން ލޮނުވެސް ބޮވިފައި ވެއެވެ. މި ދެ ފަތުރުވެރިން ވަނީ އޭނާ މޫދުން ނަގައި އަވަސް ފަރުވާ ދީފައެވެ.

ބ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މި ދެ ފަތުރުވެރިންގެ ހިތްވަރަށް ހުރިހާ ދިވެހިންނާއި ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދުސިތް ތާނީގެ މެނޭޖުމަންޓުން މިހާދިސާ އާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅައި އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދީފައިވާތީ އެކަމަށްވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުން ވަނީ އެ ދެ ފަތުރުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެކުން ވެއްޓުނު މުވައްޒަފުގެ ހާލު މިހާރު ރަނގަޅެވެ.



More from Vaguthu