ހަނިމާދޫ އެއާޕޯޓު "އަންނަ އަހަރު" ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް އިސްކަމެއްދޭ: ވަޒީރު

Mon, 21 Oct 2024 08:36 PM

View on this article on Thiladhun

ހަނިމާދޫ އެއާޕޯޓު "އަންނަ އަހަރު" ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް އިސްކަމެއްދޭ: ވަޒީރު

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.



ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިންވެސްޓަރުންނަށް ފަހިވާގޮތަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫޢު ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ޕްރޮޖެކްޓެއްގެ ދަށުން ހިންގަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިންމޭނެކަމަށެވެ.

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވެންވާއިރަށް ހއ. އަދި ހދ. މި ހިސާބަށް ގިނަ ޓުއަރިސްޓް އެނދުތަކެއް ގެނައުން، އެއީ އަދުގެ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. އެންމެ ބޮޑު ކަމަކީ ޓެކްސް ބޭސް ބޮޑުކުރުން. ޓުއަރިޒަމްގެ ގިނަ ހޮޓާތަކެއް އެޅިގެން ދިއުމަކީ، ވަރަށް ބޮޑަށް، ޚާއްސަކޮށް ބާރަށުގެ ރައްޔިތުން ނުހަނު އެދޭ ކަމެއް"

ވަޒީރު ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއަކީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެމަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފަ އެވެ.

އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް ކުންފުންޏަށެވެ. ޖޭއެމްސީ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް އީޕީސީ ކުންފުންޏެވެ. ތިން ގަރުނުގެ ތަޖުރިބާހުރި ޖޭއެމްސީއަކީ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް އަދި ދަތުރު ފަތުރު ނިޒާމް ގާއިމް ކުރުން، ލޭންޑް އެންޑް ވޯޓަރ ކޮންސްޓްރަކްޝަން އަދި އަރބަން އިންފްރާސްޓްރަކްޗާގެ މަސައްކަތަށް ޝައުގުވެރިކަން ހުންނަ ކުންފުންޏެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް މަޝްރޫއުގެ ދަށުން ގާއިމުކުރާނެއެވެ. އޭގެ ތެރޭގައި 624،000 އަކަފޫޓުގެ އޭޕްރަންއެއް ގާއިމުކުރުން ހިމެނެއެވެ.

ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރުތަކަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެއެވެ.

މިއާއެކު މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިތުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ. އަދި މިއީ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެ ކަންވެސް ފާހަަގަކޮށްލެވެއެވެ.

The post ހަނިމާދޫ އެއާޕޯޓު "އަންނަ އަހަރު" ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް އިސްކަމެއްދޭ: ވަޒީރު first appeared on Thiladhun.



More from Thiladhun