ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!

Fri, 18 Oct 2024 01:36 PM

View on this article on Thiladhun

ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!

"ޖުވާކުޅުމަކީ ޙަރާމް ކަމެއް" މިމަޢުލޫއަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ދިން ހުކުރު ޚުޠުބާގައި ޖުވާ ކުޅޭ މީހުންނަށް ވަރުގަދަ މެސެޖެއް ދީފި އެވެ.



އޮންލައިންކޮށް ޖުވާ ކުޅުމަކީ މިއަދު ދިވެހިންގެ މެދުގައި ވަރަށް އާންމު ވެފައިވާ ނުބައި އާދައެކެވެ. ޒުވާނުންނާއި ހަރު އުމުރު ފުރައިގެ މީހުން އާންމު ކެފޭތަކުގައި އެއްވެސް ޖެހިލުމެއްނެތި އޮންލައިންކޮށް ޖުވާ ކުޅެން ބައި ހަދާފައި ތިބޭ މަންޒަރު ފެނެއެވެ.

ތިރީގައި މި ހިއްސާކޮށްލަނީ މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ މައިގަނޑު ނުކުތާތަކަށެވެ.

اللهُ سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ޙަރާމްކުރައްވައިފައެވެ. އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިޠާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރާން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطانއާގެ عملތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نَصِيْبُ ލިބުމަށްޓަކައެވެ. شَيْطَان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عَدَاوَة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"

ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރެއެވެ. އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުމެކެވެ. މިއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ޙަރާމްކުރައްވައިފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ)

މާނައީ: " ހަމަކަށަވަރުން ﷲގެ މުދައު ޙައްޤު ނޫން ގޮތުގައި ބަޔަކު މީހުން ބޭނުން ކުރެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުށްޓެވެ."

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ قَالَ لِصَاحِبِهِ: تَعَالَ أُقَامِرْكَ، فَلْيَتَصَدَّقْ)

މާނައީ: "އަދި އޭނާގެ އެކުވެރިޔާއަށް ޖުވާކުޅެން އަންނާށޭ ބުނިމީހާ، ފަހެ އެ ފާފަ ފުއްސަވައިދެއްވައިތޯ އޭނާ ޞަދަޤާތްކުރާހުށި ކަމެވެ." ވީމާ ޖުވާކުޅޭ މީހާގެ ޙާލާ މެދު ވިސްނައިލުން ހުށްޓެވެ!

މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައެވެ. ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައިފައެވެ. މާތް ﷲ ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންނެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވެއެވެ. ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލައެވެ. ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވެއެވެ. މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެކެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައެވެ. ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުމެވެ.

ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެކެވެ. އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނެއެވެ. ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތި ވެއެވެ. އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލައެވެ.

ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެތެވެ.

މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައެވެ. ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތަކެވެ. މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ވަނީ ޤާއިމުކޮށްފައެވެ. މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވެއެވެ. މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސް ދެއެވެ. ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައެވެ. މީހުންގެ ހިތްތައް ވަނީ މި ޚިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ."

އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހަދާށެވެ! ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(إِنَّهُ لَا يَدْخُلُ الْـجَنَّةَ لَـحْمٌ نَبَتَ مِنْ سُحْتٍ، النَّارُ أَوْلَى بِهِ) މާނައީ: "ހަމަކަށަވަރުން ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މަސް (އެބަހީ: އެތަކެތި ކާ މީހާ) ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާވެގެން ވަނީ ނަރަކައެވެ."

މާތް ﷲ އެންގެވި ގޮތަށް މުދަލާއި ތަނަވަސްކަން ބޭނުންކުރުމުގައި ﷲއަށް ތަޤްވާވެރިވާށެވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޖުވާ ކުޅުމާއި ބާޠިލުގޮތުގައި މުދާ ހޯދައި އެ މުދާ ބޭނުންކުރުމުން ދުރުހެލިވެފައިވާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! ޙަލާލުގޮތުގައި ރިޒުޤު ހޯދާން މަސައްކަތްކުރުމުގެ ތައުފީޤު އަޅަމެނަށް މިންވަރު ކުރައްވާނދޭވެ!

މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން ދަނީ ޢާންމުވަމުންނެވެ. އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނެއެވެ. މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެކެވެ. މި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރީން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمرކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ގޮތުގައި، އަޅާ އޭނާ މުދާ ހޯދީ ކޮންތާކުންތޯއާއި އެ މުދާ ހޭދަކުރީ ކޮންކަމަކުތޯ ސުވާލުވެވިއްޖައުމަށް ދާންދެން ޤިޔާމަތް ދުވަހުގައި އޭނާގެ ދެ ފައި ހުރިތަނުން ގުޑުވާނުލެވޭ ހުއްޓެވެ!

The post ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް! first appeared on Thiladhun.



More from Thiladhun