ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

Fri, 18 Oct 2024 01:10 AM

View on this article on Thiladhun

ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ސިފައިންގެ އޮޕަރޭޝަނެއްގައި ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުގެ ސިފައިން އަދި ބޭރު ކަންތައްތަކާ ބެހޭ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ބުދަ ދުވަހު ބުނެފައެވެ.



ޔަހްހާ ސިންވާރު ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

"އޮކްޓޯބަރު 7 ގެ އަނިޔާވެރި ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ ޔަހްޔާ ސިންވާރު މިއަދު [އިސްރާއީލުގެ] ސިފައިންގެ އަތުން މަރުވެއްޖެ،" ކަމަށް ކަޓްޒް ވަނީ ބަޔާނެއްގައި ބުނެފައެވެ.

އިސްރާއީލުގެ ދެ ބްރޯޑްކާސްޓަރެއް ކަމަށްވާ ކޭއޭއެން އަދި އެން12 ނިއުސްއިން ވެސް އިސްރާއީލުގެ އޮފިޝަލުން ހަވާލާދީ ބުނެފައިވަނީ ސިންވާރު ޝަހީދު ވެފައިވާކަމަށެވެ. މީގެ ކުރިން އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޣައްޒާގައި ތިން މިލިޓަންޓުން ނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ސިންވާރު ހިމެނިފައި އޮވެދާނެކަމަށެވެ.

އިސްރާއީލުން ވަނީ ޣައްޒާގައި ހަމާސްގެ އެތައް ކޮމާންޑަރުންނަކާއި، ލުބުނާންގައި ހިޒްބުﷲގެ އިސްވެރިންނާއި، އޭގެ ތެރޭގައި އެ ޖަމާޢަތުގެ ދުވަސްވީ ލީޑަރު ހަސަން ނަސްރުﷲ ހިމެނޭގޮތަށް، އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ.

ހަމާސްއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ހަމާސްއާ ގުޅުންހުރި ވެބްސައިޓެއް ކަމަށްވާ އަލް-މަޖްދުން ފަލަސްޠީނުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ، ސިންވާރުއާ ބެހޭ މަޢުލޫމާތު ހޯދުމަށް އިސްރާއީލުގެ މީޑިއާތަކަށް ބަދަލުގައި ހަމާސްގެ އަމިއްލަ ބަޔާނަށް އިންތިޒާރުކުރުމަށެވެ. އިސްރާއީލުގެ މީޑިއާތަކުގެ މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރު ނެތިކޮށްލުން ކަމަށް އެ ވެބްސައިޓުން ބުނެފައިވެއެވެ.

ސިންވާރުގެ މަރު ކަށަވަރުވެއްޖެނަމަ، މެދުއިރުމަތީގައި ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ބެލެވެއެވެ.

The post ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި first appeared on Thiladhun.



More from Thiladhun