ދިވެހިންނަށް އެކަނި ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ

Thu, 25 Apr 2024 03:43 PM

View on this article on Thiladhun

ދިވެހިންނަށް އެކަނި ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ

ކ. ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތަށް ހަދައި އެކަމަށް ފުރުސަތު ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.



އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އެޗްޑީސީން އިސްކަން ދޭނެ ކަމަށް ބަޔާނުގައިވެއެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނީ ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ބިން ވިއްކުމުގެ ބޭނުމަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށެވެ.

ފަޒުލް ވިދާޅުވީ، އެޗްޑީސީގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކަތަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގޭނެ ގޮތް ހެދުން ކަމަށާއި އަންނަ ހަފްތާގައި ދިވެހި ވިޔަފާރިވެރިންނަށް އެފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮތީ ތިލަފުށީގެ ބިން ބިދޭސީންނަށް ވެސް ގަނެވޭ ގޮތަށެވެ. އެގޮތުން 99 އަހަރަށް ބިދޭސީންނަށް ބިން ކުއްޔަށް ދޫކޮށްފައިވެއެވެ. ތިލަފުށި 2 އިން ބިން ކުއްޔަށް ދޫކުރެވޭ ގޮތަށް މިދިޔަ މަހު އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އެކަމަކު، އެ އިއުލާނާ ގުޅިގެން އެޗްޑީސީން ފަހުން ވަނީ އިއުލާން ބާތިލްކޮށްފައެވެ.

The post ދިވެހިންނަށް އެކަނި ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ first appeared on Thiladhun.



More from Thiladhun