ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ އެމްއެންޕީން މަޖިލީހަށް

Thu, 08 Jun 2023 05:40 PM

View on this article on Thiladhun

ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ އެމްއެންޕީން މަޖިލީހަށް

ރާއްޖޭން ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލައާއި ގުޅިގެން އެމްއެންޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑެސްފަރޯލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިންނާ އެކުދިންގެ ޢާއިލާއިން ކުރަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމުން، ރާއްޖޭގައި ހުރި ޑެސްފަރޯލްގެ ސްޓޮކް ފާއިތުވި މޭމަހު މުއްދަތު ހަމަވެ، ރާއްޖޭގައި މިހާރު ޑެސްފަރޯލް ލިބެން ނެތްކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ސުވާލު ކުރުމުން ހެލްތް މިނިސްޓްރީއާއި، ނެޝަނަލް ތެލަސީމިއާ ސެންޓަރުން މީޑިއާތަކަށް އެއްވެސް ޖަވާބެއް ނުދެވި، ކޮމެންޓެއް ކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެކަމުގައި ސަރުކާރުގެ އިހްމާލު އޮތްކަމަށް އެ ޕާޓީން ދެކޭތީ އެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅީކަމަށް އެމްއެންޕީން ބުނެފަވެއެވެ.

ޑެސްފަރަލް އަކީ ތެލެސީމިއާ ބަލިކުދިންނަށް ވަގުތުން ވަގުތަށް ލިބެން ހުރުން ކޮންމެހެން ބޭނުންވާ ބޭހަކަށްވާތީ، މި ފަދައިން ޑެސްފަރޯލް ހުސްވެ، ނުލިބޭ ޙާލަތަކަށް ނުދާނޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެމްއެންޕީން ބުނެފަވެއެވެ.

އެހެންކަމުން އެމްއެންޕީން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި އެދިފައިވަނީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ޑެސްފަރޯލް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، މިފަދަ ހާލަތެއް ތަކުރާރު ނުވާނެހެން މިކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަަޅުއްވައިދެއްވުމަށެވެ. އަދި ޑެސްފަރޯލް ހުސްވެ ނުލިބެން ދިމާވި މައްސަލަ ބަލައި ފިޔަވަޅު އަޅުއްވައިދެއްވުމަށް ވެސް އެދިފައި ވެއެވެ.

މިފަދަ މައްސަލައެއް އެމްއެންޕީން މަޖިލީހަށް ވެއްދިއިރު، އެ ޕާޓީއަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، ކެމްޕޭންގެ މަސައްކަތް ނުރަސްމީކޮށް ފަށާފައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.

ނާޒިމްގެ މެނިފެސްޓޯ ''އުޖާލާ ޒަމާން'' ރޭ އިފްތިތާޙްކޮށްފައިވާއިރު، އެ މެނިފެސްޓޯގައި ސިއްހީ ދާއިރާއަށް ހާއްސަ ވައުދުތަކެއް ހިމަނާފަވެއެވެ.

The post ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ އެމްއެންޕީން މަޖިލީހަށް first appeared on Thiladhun.



More from Thiladhun