ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

Mon, 05 Jun 2023 12:23 PM

View on this article on Thiladhun

ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިކަމާއި ގުޅިގެން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން އެކައުންސިލުގެ އެގްޒެކެޓިވް އިބްރާހިމް އަލީ ވިދާޅުވީ އަމާޒަކީ އެއްއަހަރުގެ ތެރޭގައި 1000 ގަސް އިންދުން ކަމަށެވެ.

މި ޕްރޮގްރާމް މިއަދު ހެނދުނު ފައްޓަވައިދެއްވީ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި އެރަށުގައި ހުރި ސަރުކާރުގެ ވުޒާރާތަކާއި ސްކޫލު، އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އިބްރާހިމް އަލީ ވިދާޅުވީ އެރަށުގައި އެއާޕޯޓު އެޅުމަށް ގިނަ އަދަދެއްގެ ގަސް ނަގާފައިވާ ކަމަށާއި އެހެންކަމުން މަގުތަކުން ވެސް ގަސް މަދުވެފައިވާ ކަމަށެވެ.

"އެއާޕޯޓު އެޅުމަށް ވަރަށް ގިނަ ގަސް ވަނީ ނަގާފަ. އެހެންވެ މަގުތަކުގައި މިހާރު ގަސް ހުރީ ވަރަށް މަދުން. އަޅުގަނޑުމެން މި ބަލަނީ އަހަރުދުވަހުގެ ތެރޭގައި އެންމެމަދުވެގެން 1000 ގަސް އިންދަން. އެކަމަކު އެއަށް ވުރެ ވެސް ގިނަކުރުން ބޭނުމަކީ." އިބްރާހިމް އަލީ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން މޭވާ އަޅާ ގަހާއި މާމެލާމެލި އަދި ހިޔާ ލިބޭ ޒާތުގެ ގަސް ވެސް އިންދާނެ ކަމަށެވެ. ޚާއްސަ ގޮތެއްގައި ރަށުން ނެތެމުންދާ ދެ ބާވަތެއްގެ ގަސް ކަމަށްވާ "ކަނދު" އަދި "އުނި ގަސް" ގިނަ އަދަދަކަށް އިންދުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މުޅި ރަށުގެ އެކި ތަންތަނުގައި އުކާލާފައި ހުރި ޕްލާސްޓިކް ނަގައި، ނައްތާލުމުގެ ހަރަކާތެއް މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ހަރަކާތް ފަށާނީ މިއަދު ހަވީރު 4:30 ގައި ކަމަށް ވެސް ވިދާޅުވިއެވެ.

 

The post ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި first appeared on Thiladhun.



More from Thiladhun