މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާއަރުވަނީ

Fri, 26 Apr 2024 04:09 PM

View on this article on ThePress.mv

މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާއަރުވަނީ

މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.



އެމްއެންޑީއެފްއިން ބުނީ ފުރަތަމަ ފިޔަވަހީގެ ދިރާގު ސަރަޙައްދުގައި މިރޭ 9:30 ހާއިރު ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 3 މިނެޓެއްހާއިރަށް ކުރިއަށްގެންދާ އެ ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ ޝަޒީމް ގެ ފަރާތުން ދާއިރާގެ ރައްޔިތުންނަށް ދޭ ކެއުމެއް މިރޭ 9 ޖަހާއިރު ހުޅުމާލެ ދިރާގު ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިރޭ ގެ ހަވާގެ ހަރަކާތަކީވެސް މި ކަމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް ބެލެވެއެވެ.

ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ވެސް ހަވާ އެރުވިއެވެ. އެ ރޭ ހަވާ އަރުވާފައިވަނީ 5 މިނެޓަށެވެ. އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އަތޮޅު ތެރޭގައިވެސް ހަވާ އަރުވަމުންދާއިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް، ފަރުހަތު މުހައްމަދަށް ކާމިޔާބު ވި ކަން ފާހަގަކުރުމަށް މިރޭ އެ ރަށުގައި ހަވާ އެރުވުމަށް ވަނީ ނިންމާފައެވެ.

އެ އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައިވާއިރު އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އެހެންނަމަވެސް އެ 11 މެންބަރުންގެ ތެރެއިން 7 މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގެންނެވުމާ ގުޅިގެން ސުޕަ މެޖޯރިޓީގެ އަދަދު ވަނީ 73 އަށް އަރާފައެވެ.



More from ThePress.mv