4 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލެ އިން މީހަކު ހައްޔަރު ކޮށްފި

Mon, 06 May 2024 03:18 PM

View on this article on ThePress.mv

4 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލެ އިން މީހަކު ހައްޔަރު ކޮށްފި

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.



އެ މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މެއި 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 4 ކިލޯ ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ހުކުމްކޮށްފައި ވަނީ އޭނާއާ ގުޅުން ހުރި ތަނަކުން ފެނިފައިވާތީ ކަމަށެވެ. އަދި އެ ތަކެތި ފެނުނު އެޕާޓްމެންޓަކީ ގިނަބަޔަކު ބައިވެރިވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ އެޕާޓްމެންޓެއް ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައިވާ ކަމަށެވެ.

މީގެއިތުރުން އެ އެޕާޓްމެންޓްގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުން ކުރެވޭނެ ތަކެތި ފެނިފައިވާ ކަމަށާއި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަަމަށް ފެންނަ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.



More from ThePress.mv