ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު، 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ނެގުމަކީ ލާޒިމް ކަމެއް: ހަބީބް

Fri, 26 Apr 2024 09:41 AM

View on this article on ThePress.mv

ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު، 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ނެގުމަކީ ލާޒިމް ކަމެއް: ހަބީބް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު، 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ނެގުމަކީ ލާޒިމް ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.



އީސީއިން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ އިއްޔެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ބެހެއްޓި ތަންތަނުން އެ ތަކެތި ނެގުމަކީ ކެންޑިޑޭޓުންނަށް ލާޒިމް ކަމެއް ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ބަޔާންކޮށްފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވަނީ ވާދަ ކުރައްވާފައެވެ. ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ 66 ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ޓީކެޓުގައި ވާދަކުރެއްވި 12 ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

މީގެއިތުރުން އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީއޭގެ ފަރާތުން ވާދަ ކުރެއްވި 2 ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި 11 ކެންޑިޑޭޓުން އިންތިހާބުވެވަޑައިގެންފައި ވާއިރު، އޭގެތެރެއިން 7 މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއާއެކު މަޖިލީހުގައި ޕީއެންސީގެ 73 މެންބަރުން ކުރިއަށް އޮތް މަޖިލީހުގެ ދައުރުގައި ތިއްބަވާނެއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. އަދި 2 ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ 78 ޕަސެންޓު މީހުންނެވެ.



More from ThePress.mv