މަޖިލީހުން ނިންމިޔަސް ފްލެޓުތައް ދޭއިރު އޭސީސީގެ ރިޕޯޓަށް ބަލާނެ، ނޫނީ ގިނަބައެއްގެ ހައްގު ގެއްލިދާނެ: ސަރުކާރު

Mon, 06 May 2024 06:49 PM

View on this article on ThePress.mv

މަޖިލީހުން ނިންމިޔަސް ފްލެޓުތައް ދޭއިރު އޭސީސީގެ ރިޕޯޓަށް ބަލާނެ، ނޫނީ ގިނަބައެއްގެ ހައްގު ގެއްލިދާނެ: ސަރުކާރު

ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފްލެޓުތައް ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާދިން ނަމަވެސް، ފްލެޓު ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓަށް ބަލާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.



ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓުތައް ހަވާލުކުރުމަށް އެންގުމަށް މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. ފްލެޓުތަކާ ގުޅިގެން އާންމުންގެ މީހަކު ހުށަހެޅި މައްސަލައެއް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ އިއްތިފާގުންނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ގިނަ މައްސަލަތައް ފާހަގަވެ މި ސަރުކާރުން އޭސީސީ އަށް މައްސަލަ ހުށަހެޅުމުން، އެ ކޮމިޝަނުންވެސް ވަނީ މައްސަލަ ތަހްގީގުކޮށްފައެވެ. އަދި ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުވުމުގައި މަޖިލީހުގެ އެ ނިންމުމަށް އަމަލު ކުރާނެތޯ އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާ ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފްލެޓު ލިސްޓާ ގުޅޭ ގޮތުން އާންމުކުރި އޭސީސީގެ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުުންވާ ކަމެއް ނޫން، އެ ހުރިހާ ކަންބޮޑުންތަކެއް އޭސީސީގެ ރިޕޯޓްގައި ހާމަކޮށްފައިވަނިކޮށް، އެ ރިޕޯޓާއި ބޮލާލާ ޖަހާ އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ، އެއީ ނުލިބި ތިބި ފަރާތްތަކުގެވެސް އަދި ފްލެޓް ލިބިފައި ތިބި ބައެއްގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއް،" ހީނާ ވިދާޅުވިއެވެ.

އެހެންކަމުން އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅު ގޮތަކަށް އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް މަހު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އޭރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފްލެޓް ލިސްޓު އާންމުކުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މި ސަރުކާރުން ފްލެޓުތައް ހަވާލުކުރާނީ ލިސްޓު މުރާޖައާކުރުމަށް ފަހު ކަމަށެވެ.



More from ThePress.mv