މެދުއިރުމަތީގައި ހަމަނުޖެހުން ހިނގަނީ އިޒްރޭލާ ހެދި, ޒިންމާ ވާން ޖެހޭނީވެސް އިޒްރޭލު: އުރުދުގާން

Tue, 16 Apr 2024 10:39 PM

View on this article on ThePress.mv

މެދުއިރުމަތީގައި ހަމަނުޖެހުން ހިނގަނީ އިޒްރޭލާ ހެދި, ޒިންމާ ވާން ޖެހޭނީވެސް އިޒްރޭލު: އުރުދުގާން

ގާޒާގައި އިޒްރޭލުން ހިންގާ ރަހުމެއް ނެތް ގަތުލުއާންމު ހިނގާހާ ދުވަހަކު ސަރަހައްދުގައި ހަމަނުޖެހުން އޮންނާނެ ކަމަށާއި އެއީ އިޒްރޭލުގެ ސަބަބުން ހިނގާ ކަމަކަށް ވާއިރު ޒިންމާ އުފުލަން ޖެހޭ ހަމައެކަނި ފަރާތަކީވެސް އިޒްރޭލު ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.



ކެބިނެޓް ބައްދަލުވުމަކަށް ފަހު ދެއްވި ޕްރެސް ކޮންފަރެންސެއްގައި އުދުގާން ވަނީ ކަން ހިނގާ ގޮތް ބަލައި ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އިޒްރޭލުން މަސައްކަތް ކުރަމުން ގެންދަނީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް ކަމަށާއި ސީރިއާގެ ދިމިޝްގުގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް ހަމަލަ ދިނުމަކީ އެންމެ ފަހުން ހިންގި އުދުވާނު ކަމަށެވެ. އެއާއެކު އޭނާ ވަނީ, އީރާނުގެ ހަމަލާ ހުޅަނގުން ކުށްވެރި ކުރި އިރު އިޒްރޭލުގެ ހަމަލާ ކުށްވެރި ކޮށްފައި ނުވާތީ ހުޅަނގަށް ފާޑުވިދާޅުވެފައެވެ.

އީރާނުން އިޒްރޭލަށް މިސައިލާއި ޑްރޯން ހަމަލާ ދިނީ އޭޕްރީލް 1 ވަނަ ދުވަހު އިޒްރޭލުން ކޮންސިއުލޭޓަށް މިސައިލް ހަމަލާ ދީ އީރާނުގެ 2 ޖެނެރަލެއްގެ އިތުރުން 9 މީހަކު މަރާލައި ކޮންސިއުލާޓެ ބިމާ ހަމަކޮށްލި ހަމަލާގެ ބަދަލު ހިފުމަށެވެ.

އިޒްރޭލުން ބުނަނީ އީރާނުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށެވެ. އެކަމުގައި އިޒްރޭލަށް އެއްބާރުލުން ނުދޭނެ ކަމަށް އެމެރިކާ އާއި ހުޅަނގުން ބުނަމުން އަނެއް ފަރާތުން ބުނަނީ ކަންކުރާނެ ގޮތް އިނގޭނީ އިޒްރޭލަށް ކަމަށާއި އިޒްރޭލުގެ ދިފާއުފައި އެމީހުން ގަދަކޮށް ތިބޭނެ ކަމަށެވެ.

އީރާނުން އިޒްރޭލަށް ހަމަލާ ދެމުން ދިޔަ އިރު ޑްރޯންތަކާއި މިސައިލްތައް ނައްތާލުމުގައި އެމެރިކާ, އިންގިރޭސިވިލާން, އުރުދުން އަދި ފްރާންސުގެ އަސްކަރިއްޔާއިން ވަނީ ބައިވެރިވެ ބޮޑު ދައުރެއް އަދާކޮށްފައެވެ.

އީރާނުގެ ހަމަލާ ހުޅަނގުން ކުށްވެރި ކުރާ އިރު, އެމީހުން ބުނަނީ އެއިން ގައުމެއްގެ ކޮންސިއުލޭޓަށް ނުވަތަ އެމްބަސީއަކަށް ބޭރު ގައުމަކުން ހަމަލާއެއް އަމާޒުވެއްޖެ ނަމަ ރައްދު ދޭނެ ކަމަށެވެ. ނަމަވެސް އީރާނުން ރައްދު ދިނުމަކީ އެމީހުނަށް ކަމުދާ ކަމަކަށް ނުވެއެވެ. އެ މޭރުމުން ވާހަކަ ދެއްކެވި އެއްބޭފުޅަކީ އިނގިރޭސި ހާރިޖީ ވަޒީރެވެ.

އީރާނުން އިޒްރޭލަށް ހަމަލާ ދެމުން ދިޔަ އިރު މުސްލިމް ގައުމެއް ކަމަށް ވާ އުރުދުން އިން އަދާ ކުރި ދައުރާ ގުޅިގެން އީރާނުން ވަނީ އެގައުމަށް ފާޑުކިޔާ ބަހުގެ ހަމަލާއެއް ދީފައެވެ. އީރާނުން ބުނީ, އުރުދުން އިން އީރާނާ ދެކޮޅަށް ބައިވެރިވެ އަދާ ކުރި ދައުރަކީ 'ވަރަށް ބޮޑު ގޯހެއް' ކަމަށެވެ. އެގޮތުން އީރާނާއި އިޒްރޭލާ ދެމެދުގައި އޮންނަ އުރުދުންގެ ވައިގެ ސަރަހައްދު ހުޅުވާލައި އީރާނުގެ ހަމަލާތައް ނައްތާލުމަށް އަދާވާތްތެރި ގައުމުތަކަށް އުރުދުން އިން ފުރުސަތު ދިން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އުރުދުން އިން ބުނީ, އެގަމުން ކުރި ކަމަކީ އެގައުމުގެ ވައިގެ ސރަހައްދަށް ވަންނަމުން ދިޔަ ގޮވާތަކެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނައްތާލުމުގެ ދައުރެއް ކަމަށެވެ.

އިޒްރޭލަށް ހަމަލާ ދިން މައްސަލައިގައި ހުޅަނގުން އީރާނު ދެކެ ރުޅިއައިސްފައި ވާ އިރު އެމެރިކާ އާއި އީޔޫއިން މިހާރު ތައްޔާރު ވަމުން ދަނީ އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށެވެ. އީރާނަކީ މިހާރުވެސް ހުޅަނގުގެ ދަތިކުރުމުގެ ދަންތުރައިގައި ތާށި ކޮށްފައި, މާލީ މުއާމަލާތްތަކާއި ވިޔަފާރިއާއި ޓެކްނޮލޮޖީ އާއި ނިއުކްލިއާ ގާބިލުކަން ހޯދިޔަ ނުދީ ހުއްޓުވާފައި ވާ ގައުމެކެވެ.

އީރާނުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިޒްރޭލުން ބުނެ އިންޒާރު ދީފައި ވާ އިރު, ވައިގެ ހަމަލާ އާއި އީރާނުގެ އިސް އޮފިޝަލުން އަވަހާރަ ކޮށްލުމަށް އެތެރެއާއި ބޭރުގައި މޮސާޑުން އޮޕަރޭޝަންތައް ހިންގުމާއި ސައިބާ ހަމަލާއެއް ދިނުމަކީ ކޮށްފާނެ ކަންކަން ކަމަށް މުރާސިލުން ބުނެއެވެ. މީގެ ކުރިންވެސް އީރާނުގެ ނިއުކްލިއާ ސައިންޓިސްޓުން އަވަހާރަ ކޮށްލުމުގައި އިޒްރޭލުގެ މޮސާޑުން އީރާނުގެ ތެރެއަށް ވަދެ ޖާސޫސީ އޮޕަރޭޝަންތައް ހިންގާފައި ވެއެވެ.



More from ThePress.mv