ހުޅުމާލޭގައި މާރާމާރީ ހިންގީ އިންޑިއާ އާއި ދިވެހި ބަޔަކާ ދެމެދު، އެކަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަނީ

Mon, 29 Apr 2024 11:36 PM

View on this article on ThePress.mv

ހުޅުމާލޭގައި މާރާމާރީ ހިންގީ އިންޑިއާ އާއި ދިވެހި ބަޔަކާ ދެމެދު، އެކަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަނީ

ހުޅުމާލޭގައި މިރޭ މާރާމާރީ ހިންގީ އިންޑިއާ ބަޔަކާއި ދިވެހި ބަޔަކާ ދެމެދު ކަމަށް ފުލުހުން ބުނެފިއެވެ.



ހުޅުމާލެ ފޭސް 1 ގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 21:00 ހާއިރު ކަމަށް ބުނެއެވެ. މި މާރާމާރީގައި ދެމީހަކަށް އަނިޔާވި އިރު އެ ދެ މީހުނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.

އެ މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މި މާރާމާރީ ހިނގާފައި ވަނީ ޕާކު ތެރޭގައި ތިބި ގުރޫޕަކާއި އިންޑިއާ މީހުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

އެގޮތުން މައްސަލައާ ގުޅިގެން ދެނެގަންނަންޖެހޭ މީހުން ދެނެގަނެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާރާމާރީ ހިންގާފައި ވަނީ ކުޑަ ކުއްޖަކާ ބެހިގެންކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް މި މައްސަލައިގައި އެއްވެސް ކުޑަ ކުއްޖަކު ނުހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.



More from ThePress.mv