އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 708 މިލިއަން ރުފިޔާ

Mon, 29 Apr 2024 08:09 PM

View on this article on ThePress.mv

އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 708 މިލިއަން ރުފިޔާ

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 708 މިލިއަން ރުފިޔާ ލިބިއްޖެއެވެ.



ބީއެމްއެލް އިން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އާއި އަޅާބަލާއިރު 5.7 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް ވަނީ މި ކުއާޓަގައިވެސް ހިންގާފައިކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށާފައިވާކަމަށްވެސް މީއެމްއެލް އިން ވަނީ ބުނެފައެވެ.

މި ކުއާޓާގައި ފައިދާ އިތުރު ވާން ދިމާވި މައިގަނޑު ސަބަބެއް ގޮތުގައި ބީއެމްއެލް އިން ފާހަގަކޮށްފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބިފައިވުމެވެ. އެގޮތުން ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެފައި ވާކަމަށާއި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓާގައި 967 މިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. ބީއެމްއެލް އިން ހާމަކުރި ގޮތުގައި ކުއާޓާ ނިމުނު އިރު ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކާ ވިދާޅުވީ މި ފައިދާ ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އޭގެތެރޭގައި ޕާސަނަލް ލޯނާއި ފައިނޭންސިން އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި ބޭންކިންގެ ވިއުގަ ފުޅާކުރެވުނު ކަމަށެވެ.

މިއަހަރުގެ ފެށިފައި މިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި. އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް އަޅުގަނޑުމެންނަށް ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި މިވަނީ 493 މިލިއަން ރުފިޔާ ލިބިފަ. އަޅުގަނޑުމެންގެ ސްޓްރެޓެޖީއާ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާރސަނަލް ލޯނާއި ފައިނޭންސިންގ އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިންގ ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން.
ކާލް ސްޓުމްކަ

މި އަހަރުގެ ޖެނަވަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށް %2.5 އަށް ކުޑަވެސް ކޮށްދީފައެވެ. ބީއެމްއެލްގައި މިވަގުތު 38 ބްރާންޗާއި، 86 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 142 އޭޓީއެމްގައި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ދަނީ މަސައްކަތް ކުރަމުންނެވެ.



More from ThePress.mv