ބޯކޮށް ވާރޭ ވެހި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ގެއްލުން

Fri, 26 Apr 2024 11:48 PM

View on this article on Sun Online

ބޯކޮށް ވާރޭ ވެހި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ގެއްލުން

ބޯކޮށް ވާރެވެހި އައްޑޫ ސިޓީ ފޭދޫގެ 40 އަށްވުރެ ގިނަ ގެތަކުން ގެއްލުން ވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ކައުންސިލުން މިރޭ ބުނެފިއެވެ.



އެމްއެންޑީއެފުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ފޭދޫގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންވެ، ހިތަދޫ ފަޔާ ސްޓޭޝަނާއި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފޭދު މާދެލަ ދާއިރާގެ ކައުންސިލަރު މުޙައްމަދު ފައިސަލް ވިދާޅުވީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ގޭބީސީތަކަށް ފެން ވަނުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

މިގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހިފައިނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެކަމަކު، ފައިސަލް ވިދާޅުވި ގޮތުގައި ގެއަކުން މީހުން ހުސްކުރަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ ކައުންސިލުންނާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން އެކަން ކުރާނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 8:30 އިން 12:30 ގެ ނިޔަލަށް ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

އެހެންވެ، އެކަމާ ގުޅިގެން ރެޑް ކްރެސެންޓުން ވަނީ އެ ސަރަހައްދުގެ މީހުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް އެކި ވަރުގެ ގެއްލުންތައް ދިމާވެއެވެ.



More from Sun Online