"ޑޮކްޓަރުންގެ ޒިންމާއަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނަން"

Tue, 07 May 2024 04:40 PM

View on this article on Sun Online

"ޑޮކްޓަރުންގެ ޒިންމާއަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނަން"

ޑޮކްޓަރުންގެ ފޮޓޯ އާއްމުކޮށް އެ މީހުންގެ ޒިންމާ އަދާކުރަން ހުރަސްއެޅޭ ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)އިން މިއަދު ބުނެފިއެވެ.



އެ ހޮސްޕިޓަލުގައި ވިހޭ ތުއްތު ކުއްޖަކާ ދޭތެރޭގައި އެކަށީގެންނުވާ ގޮތަކަށް އަމަލުކުރި ކަމަށް ބުނެ، އެ ކުއްޖާގެ އާއިލާގެ ބައެއް މެންބަރުން ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އެކަން ދޮގުކޮށް، އާއިލާގެ އަމަލުތައް ކުށްވެރިކޮށް އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"ސޯޝަލްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތެއް ނޫނެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

އަދި، ބަލި މީހާގެ ހާލަތާއި ފަރުވާއާ ގުޅޭ ގޮތުން މީސްމީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް އެ ހާދިސާއާ ގުޅިގެން ފަރުވާއާ ގުޅުންހުރި ހުރިހާ މައުލޫމާތެއް އަދި އެހެނިހެން ކަންކަން ވެސް އާއިލާއަށް ތަފުސީލުކޮށް ކިޔައިދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ބަލި މީހަކަށް ފަރުވާދޭއިރު ވަކި ކަމެއް އެހީތެރިއާއަށް ފާހަގަކުރެވޭ ނަމަ، އެ ކަމެއް ހޮސްޕިޓަލާ ހިއްސާކުރެވޭނެ ކަމަށާއި އަދި ގޯސްކޮށް ކަމެއް ހިނގާނަމަ، ހޮސްޕިޓަލުގެ ތެރެއިން އެ ކަންކަން ބެލޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

"ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެއެވެ.

"އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަމެވެ،"

ފާހަގަކޮށްލެވޭ ގޮތުގައި އައިޖީއެމްއެޗްގެ އިހުމާލުގެ ބައެއް މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި އެބަހުއްޓެވެ.



More from Sun Online