މީ ސަރުކާރަކަށް އެއްބާރުލުން ދޭން ރަނުގެ ފުރުސަތެއް: ރައީސް

Fri, 19 Apr 2024 11:16 PM

View on this article on Sun Online

މީ ސަރުކާރަކަށް އެއްބާރުލުން ދޭން ރަނުގެ ފުރުސަތެއް: ރައީސް

މިއީ ނަތީޖާ ނެރެދޭން ބޭނުންވާ ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.



މާލެ ސިޓީގައި ދިރިއުޅޭ އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުމަށް ހިރިޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ހަމައެކަނި ފޯކަސްއަކީ ނަތީޖާ ނެރެދިނުން ކަމަށެވެ.

އެގޮތުން ކުރިއަށް މަޖިލިސް އިންތިޚާބުގައި މިއީ ނަތީޖާ ނެރެދޭން ބޭނުންވާ ސަރުކާރަކަށް މަޖިލީހުން އެއްބާރުލުން ދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ފޯކަސްގައި އޮތީ ނަތީޖާ އެކަނި އެ ނޫން އެހެން އެއްވެސް ކަމެއް ނެތް.އެހެންވީމާ ނަތީޖާ ނޫންތޯ ރައްޔިތުން ބޭނުންވަނީ. ތަރައްގީގެ ނަތީޖާ ގައުމަށް ހަމަޖެހުން އައުމުގެ ނަތީޖާ އެއީ ނޫންތޯ ރައްޔިތުން ބޭނުންވެގެން އުޅޭ އެއްޗަކީ،" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިތުރަށް އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި އުންމީދު ކުރަމުން އައިވަރުގެ ހެޔޮ ބަދަލުތަކެއް މި ގައުމަށް އައިސްފައިނުވާ ކަމަށާއި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ނޫނީ މި ސަރުކާރަކުން ވަގުތު ހޭދަކޮށްނުވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ވަޑައިގަތުން: ރައީސް ހުޅުދޫމީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

"މި ލިބެނީ ހާގީގަތުގައި ވެސް ރަނުގެ ފުރުސަތެއް. މަޖިލީހުގެ ތެރެއިން އެ ފުރިހަމަ އެއްބާރުލުން ސަރުކާރުން ނަތީޖާ ނެރުދިނުމަށް އެކަނި ފޯކަސްކޮށްގެން އޮތް ސަރުކާރަކަށް އެ ބޭނުންވާ ނަތީޖާ ނެރުމަށްޓަކައި ދޭންޖެހޭ ހުރިހާ އެއްބާރުލުން ދިނުމަށް މަގުފަހިކޮށްދިނުމުގެ ރަނުގެ ފުރުސަތެއް ތިބޭފުޅުންނަށް ތި ލިބިގެން ދަނީ،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސަށް އެއްބާރުލުން ދެއްވައިގެން ސަރުކާރު ކެންޑީޑޭޓުންނަށް އެއްބާރުލުން ދެއްވައިފިނަމަ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު، ރައީސް ވަނީ ޕީއެންސީގެ ކޯލިޝަންގައި މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް މަޖިލީސް އިންތިޚާބުގައި ވޯޓުލުމަށް އިލްތިމާސްކޮށްފައެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގެ ވޯޓުލުން އެ ދުވަހު ހެނދުނު 8:00 އިން ފެށިގެން 5:30އާ ހަމައަށް ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފައެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ.



More from Sun Online