ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް ބިން ވިއްކަނީ

Thu, 02 May 2024 10:43 PM

View on this article on Sun Online

ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް ބިން ވިއްކަނީ

ސިނާއީ ބޭނުމަށް ތިލަފުށީގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން މިއަދު ހުޅުވާލައިފިއެވެ.



އެގޮތުން ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ. ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓައިޕް 1، 4999 - 2500 އަކަފޫޓު، 64 ގޯތި
  • ޓައިޕް 2، 9999 - 5000 އަކަފޫޓު، 42 ގޯތި
  • ޓައިޕް 3، 10000 - 14999 އަކަފޫޓު، 2 ގޯތި

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1700 ރުފިޔާއެވެ.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށް ގެންދެވޭނެއެވެ. ނުވަތަ އެ ކޯޕަރޭޝަންގެ އީމެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން، ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެ ރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަމާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.



More from Sun Online