ޗައިނާ އިންޑިއާގެ ކޯޅުމުގައި ރާއްޖެ ފިތިގެން ނުވާނެ: ނަޝީދު

Fri, 19 Apr 2024 10:07 PM

View on this article on Sun Online

ޗައިނާ އިންޑިއާގެ ކޯޅުމުގައި ރާއްޖެ ފިތިގެން ނުވާނެ: ނަޝީދު

ދިވެހިރާއްޖެއަކީ ބޮޑު ދެ ބާރުކަމަށްވާ އިންޑިއާ އާއި ޗައިނާގެ ކޯޅުމުގައި ފިތެންވީ ގައުމެއް ނޫން ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.



ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މަސައްކަތްޕުޅާ ދުރުގައި ހުންނެވުމަށްފަހު މިއަދު އެ މަނިކުފާނު ރާއްޖެ ވަޑައިގެން، މިރޭ ވަނީ ސިޔާސީ ޕޯޑިއަމެއްގައި ވާހަކަފުޅުދައްކަވައިފައެވެ.

ރާޅުގަނޑުގައި އޮތް ޑިމޮކްރެޓްސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލު ހިފެހެއްޓުމަކީ ދިވެހީން ޒަމާނުއްސުރެ ކުރަމުން އައި ކަމެއް ކަމަށެވެ.

މަޖިލިސް އިންތިޚާބު ކެމްޕޭނަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހީންގެ ތެރޭ އިލްމީ އެތައް ބަޔަކު ތިބިކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ އެ ކޯޅުމުގައި ނުފިތުމަކީ، ވަކި އަތަކަށް ފިރުކައިލުން ވެސް ނޫންކަމަށެވެ. މިއީ ކުރިއަށް އޮތް މަޖިލީހުގައި ބަހުސްކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔެ އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައިކަން ފާހަގަކުރަައްވައި ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމް ވިޔަފާރިން ނަފާވެރިކަން ހޯދާ ގައުމެއް ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ރާއްޖެއަކީ އޭގެ ނޭދެވޭ އަސަރު ތަހައްމަލުކުރާނެ ގައުމެއް ކަމަށާއި މިއީ ވެސް މަޖިލީހުގައި ދައްކާނެ ވާހަކައެއްކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 20ވަނަ މަޖިލީހުގެ މެމްބަރުންނަކީ ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަމުގެ ވާހަކަ ސަރުކާރުގައި ދައްކަން ތިބި މެމްބަރުން ކަމަށެވެ. އެހެންކަމުން މަޖިލީހަށް ވަންނަ މެމްބަރަކީ ކޮންޓްރެކްޓަކަށް ޓަކައި ވަންނަ މީހަކަށްވާނަމަ ގައުމުގެ ހާލަތު އޮންނާނެ ގޮތަކާމެދު އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.

މަޖިލިސް އިންތިޚާބު ކެމްޕޭނަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މަނިކުފާނު ވިދާޅުވީ ގައުމު ހަރުދަނާ ވަނީ ނިޒާމު ހަރުދަނާވާ މިންވަރަކުން ކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިންނާއި، އެކި ސިޔާސީ ބޭނުންތަކަށް ކުރިމަތިލާ މީހުން ހޮވުމުގެ ބަދަލުގައި ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެއާއެކު ރައީސް ނަޝީދުވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކަންކަން ކުރަމުން އައި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވެރިކަން ލިބުމުން ކަން ކުރީ އެއްބަސްވެވުނު ސިޔާސަތުތަކާ ދެކޮޅަށް ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ދަރަނި ދެއްކުމާއި، ބޯހިޔާވަހިކަމުގެ ސިޔާސަތު ފާހަގަކުރެއްވިއެވެ.

އެހެންވެ މިއަދު އުފެއްދުންތެރިކަން ދަށްވެ، ދިވެހީންގެ ކަންކަމަށް ހޭދަކުރަން ހުރި ފައިސާ މަދުވެއްޖެކަމަށް ވެސް ވިދާޅުވިއެވެ. އެ ކަންކަމަށް އޮތް ހައްލަކީ ޑިމޮކްރެޓުން މަޖިލީހަށް އިންތިޚާބުކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވަނީ ރާއްޖެއާ މެދު އުންމީދު ކަނޑައިނުލައި، ކުރިއަށް ދެވޭނެ މަގުތައް ތަނަވަސްކުރަން އެދިވަޑައިގެންފައެވެ.



More from Sun Online