ލީޑާޝިޕުން ހީކުރީ ޖަލުގައި އޮންނާނީ އުމުރަށްކަމަށް: ޔާމީން

Fri, 19 Apr 2024 09:26 PM

View on this article on Sun Online

ލީޑާޝިޕުން ހީކުރީ ޖަލުގައި އޮންނާނީ އުމުރަށްކަމަށް: ޔާމީން

އެ މަނިކުފާނު ލީޑަރުކަން މީގެ ކުރިން ކުރެއްވި ޕީޕިއެމް ޕީއެންސީގެ ލީޑާޝިޕް އިސްވެރިން ހީކޮށްގެން ތިބީ އެ މަނިކުފާނު ހުރަގޭގައި އޮންނާނީ މުޅި އުމުރަށްކަމަށާއި، އެ ވިސްނުން ގެންގުޅުމަކީ އެ މަނިކުފާނަށް އެ ބޭފުޅުން ޚިޔާނާތްތެރިވީ ކަމަށް ވިދާޅުވާ ސަބަބުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.



މިރޭ ރައީސް ޔާމީން ވަނީ ކެމްޕޭނަށް ފުވައްމުލައް ސިޓީއަށް ވަޑައިގެންފައެވެ. މި ސިޓީގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނު ޖަލުގައި ހުންނެވި އިރު ޕީޕީއެމް ޕީއެންސީގެ ތެރޭގައި ދިޔައީ ރޭވުންތަކެއް ރޭވެމުން ކަމަށެވެ.

އަދި އެ ގޯސްތަކުގެ ތެރޭގައި އެ މަނިކުފާނާ އަރިސް ބޭފުޅުން އުޅުއްވާކަމަށާއި އެއީ ރައީސް ޔާމީނަކީ ކާކުކަން ނޭނގޭތީ ކުރި ކަންތައްތަކެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މީހުން ދަސް ނުވާ ވާހަކަ ބުނީކީ، އެ މީހާ ދަސްނުވާ ވާހަކައެއް ނޫން ބުނީކީ. އެހެންނެއް ނޫން. ސީދާ މާނަ ތަރުޖަމާވާ ގޮތަކަށް ނޫން. އަޅުގަނޑު އެއަށްވުރެ ފުން މާނައެއްގައި އެ ވާހަކަ ބުނީ އިނގޭތޯ," ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މީހުން ކަންތައްކުރާނެ ގޮތް އެނގިވަޑައިނުގަންނަވަނީ ނޫންކަމަށެވެ. ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން ގޯސް ހަދަން ބޭނުންވާ މީހުންނަށް އެ ކަން މަގުފަހިވީމާ އެ ފުރުސަތުގައި އެ ގޯސް ހަދަނީ ކަމަށެވެ.

އެގޮތުން އެ މަނިކުފާނު ޖަލަށް ވަޑައިގަތީމާ އެ ފުރުސަތު ތަނަވަސްވީ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކިގާނުގެ މައުސޫމްކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން މިއަދު ކުރިން އެ މަނިކުފާނާ އަރިސްކޮށް ތިއްބެވި ބޭފުޅުން އެ ކަން ގަބޫލުކުރަން ފަސްޖެހެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.

"އެ ކަމު އަޅުގަނޑާ ކައިރިން މަސައްކަތްކުރި އެންމެ ވަރުގަދަ ކަމަށް ގަބޫލުކުރި މީހުން ކީއްވެގެންތޯއޭ އެ އިތުބާރު އެ މީހުންގެ އަޅުގަނޑުގެ މައްޗަށް ނެތީ އަޅުގަނޑަކީ މައުސޫމް މީހެއް ކަމަށް، އެ މީހުން ދުށީ އަޅުގަނޑު އިންނާނީ ހުރަގޭގައޭ އަބަދު. އެއީ ގޯސް ވިސްނުން. އެއީ އެ މީހުން ޚިޔާނާތްތެރިވީއޭ މިއަދު ވެސް މި ބުނާ ސަބަބަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ތަކުރާރުކޮށް ގެންދަވަނީ، މި ސަރުކާރުގެ އިސްވެރިންގެ ތެރޭ ތިއްބެވި ގިނަ ބޭފުޅުން އެ މަނިކުފާނަށް ބޭވަފާތެރިވެފައިވާކަމަށް ވިދާޅުވަމުންނެވެ. އަދި އެ ބޭފުޅުން މަސައްކަތްކުރީ އަމިއްލަ މަންފާތަކެއް ހޯދަންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.



More from Sun Online