ކޮރަޕްޝަން ހިންގާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް

Tue, 16 Apr 2024 06:55 PM

View on this article on Sun Online

ކޮރަޕްޝަން ހިންގާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް

ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި އެކަން ހުއްޓުވުމަށް ދުރާލާ އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ ކަމަށް ޚާއްސަ ދިރާސާއެއް ހަދަން ނިންމައި، އެ ކަމާ ގުޅުން ހުރި މަސައްކަތްތައް ފަށާފައިވާ ކަމަށް އޭސީސީން ބުނެފިއެވެ.



އޭސީސީން ބުނީ މި ދިރާސާގެ މަގްސަދަކީ ރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފްސީލު ހޯދުމާއި ދިރާސީ ބުރަދަން ދެވޭ ހޯދުންތަކުގެ އަލީގައި އެ ކަންތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ.

މި ދިރާސާގެ އަލީގައި ތަފްސީލުކޮށް ދިރާސާކުރާ ބައެއް ކަންތައް:

  • ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެ ކަމަށް އަރައިގަންނަން ވިސްނާ ސަބަބުތައް
  • ކުށްތަކަށް އަރައިގަންނަ ގޮތްތައް
  • އަރައިގަންނަ ދައުލަތުގެ މަގާމުތައް
  • ނުފޫޒާއި ބާރުގެ ބޭނުން ކުރާ ގޮތް
  • އެ ކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރިކުރާ ގޮތް
  • އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު (ޚަރަދު ބަލަހައްޓާ ގޮތް، ކްރިމިނަލް މައިޑްސެޓް ހިމެނޭ)
  • ޖިނާއީ ކުށްތަކަށް އަރައިގަތުމުގެ ފަހަތުގައިވާ ސަބަބުތައް

އޭސީސީން ބުނީ މިއީ ރާއްޖޭގައި މި ކަންތައްތަކުގެ ތަފްސީލު ހޯދުމަށް ދިރާސާ ކުރެވޭ ފުރަތަމަ ފަހަރު ކަމަށާއި ކުށްކުރާ ފަރާތްތަކުގެ ސުލޫކާއި ގުޅުން ހުރި ކަންތައްތަކާއި ދިވެހި މުޖުތަމައުގައި ކުށާ ގުޅޭ ސުލޫކީ ނިންމުންތައް ނިންމާ ގޮތްތައް ދިސާގެ އަލީގައި ދެނެގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން، ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަތުމާ ގުޅުން ހުންނަ ހެވާ ނުބައި ވަކިކުރުމުގައި ވިސްނުން ގެންގުޅޭ ގޮތާއި ތަކުރާރުކޮށް މިފަދަ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ކޮރަޕްޝަންގެ ކުށްކުރާ ފަރާތްތަކުގެ ފުދުންތެރިކަމާއި ކުށްކުރުމާއި ގުޅުން ހުރި އެހެނިހެން ކަންތައް ދެނެގަނެވުން ހިމެނެއެވެ.

އެސީސީން ބުނީ ކުރިން އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ، ކޮރަޕްޝަނާމެދު އާންމުން ހޭލުންތެރިވެފައިވާ މިންވަރުގެ ދިރާސީ ހޯދުންތަކާއި މި ދިރާސާގެ ހޯދުންތައް އެއްކޮށްލައިގެން ރާއްޖޭގައި އެކަމާ ދެކޮޅަށް މަސައްކަތްކުރާނެ ފަންނީ މިންގަނޑުތަކުން ބާރުދެވޭ އޮނިގަނޑެއް ތައްޔާރު ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

އެއާއެކު، ދިރާސާގެ ހޯދުންތަކުން ނަޒާހަތްތެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ސުކޫލުތަކުގައި ސަމާލުކަންދޭނެ ޖެހޭ ކަންތައްތަކާއި ތައުލީމުގެ ތެރެއިން ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް އަމަލުކުރަންވީ ގޮތްތައް ކަނޑައެޅޭނެ ކަމަށް އެސީސީން ބުނެއެވެ.

އޭގެ އިތުރުން، ވަޒީފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅެން ޖެހޭ ގޮތްތަކާއި އެކަންކަން ތަންފީޒުކުރުމަށް ގާނުނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލައިވައިލަންޖެހޭ ގޮތްތައް ދިރާގެ އަލީގައި ކަނޑައެޅޭނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އަދި، ކޮރަޕްޝަން ކުށްތަކަށް އަރައިގަތުމުގެ އިހުމާލުތައް ދެނެގެނެވި، އެ ކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ދުރާލާ ހިންގަންޖެހޭ އިންޓަވެންޝަން ޕްރޮގްރާމްތައް ބައްޓަން ކުރުމަށް މަގުފަހިވާނެ ކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.



More from Sun Online