"ބިދޭސީންގެ މައްސަލަ 3 އަހަރުތެރޭ ހައްލުކުރާނަން"

Mon, 29 Apr 2024 09:41 PM

View on this article on Sun Online

"ބިދޭސީންގެ މައްސަލަ 3 އަހަރުތެރޭ ހައްލުކުރާނަން"

ރާއްޖެއަށް ކުރިމަތިވެފައިވާ, ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުތެރޭ ހައްލުކުރައްވާނޭކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



މި ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި މީހަކު ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މައްސަކަތްތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ގިނަކަމަށެވެ. ނަމަވެސް، އެއީ ކިހާ އަދަދެއްކަން އަދި ނޭނގޭކަމަށާއި މިނިސްޓްރީން މަސައްކަތް ކުރަނީ މިހާރުން ފެށިގެން އެއް އަހަރުތެރޭ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ވަނަވަރު ދެނެގަތުމަށް ކަމަށެވެ.

"...ޚާއްސަކޮށް އަންސްކިލްޑް ލޭބާ މިކިޔާ ކެޓަގެރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި، އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރިކޯޑުތަކާ އެމީހުންނާ ދިމާކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިމީހުންގެ ތެރެއިން ސަރުކާރު ރެކޯޑުގައި ނެތް މީހުން ރެކޯޑު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފުވެފައިވާ މީހުން ދެނެގަނެ، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ސިސްޓަމްގެ ތެރެއަށް ގެނެވޭނެ ކަމަށް އިހުސާނު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ އެމަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށާނެ ކަމަށެވެ.

އެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ގާނޫނާ ޚިލާފުވެފައި ތިބި މީހުން ގާނޫނުގެ ދަށަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނު އޮންނަގޮތުން ވަރަށް ފަސޭހައިން ބިދޭސީން ގާނޫނާ ޚިލާފުވާކަމަށާއި އަމާޒަކީ މިފަދައިން ހުރި އުނދަގޫ ކަންކަން ހައްލުކޮށްދިނުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތިންވަނަ ފޭސްއަކީ އެއްވެސް ގޮތަކަށް އައިޑީ ނުކުރެވޭ މީހުން ނުވަތަ ވަރަށް ބޮޑަށް ގާނޫނާ ޚިލާފު ވެފައި، މާނައަކީ އޭނަ ފިލައިގެން އުޅެނީ، އެއްވެސް ވަރަކަށް އޭނަ ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ، ޓެކްސްއެއް ނުވަތަ އޭނަގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ އެއްވެސް އެއްޗެއް ނުދައްކާ، ފައިސާއާ އެއްޗެހި ގަވާއިދާ ޚިލާފަށް ބޭރުކުރަނީ، މިކަހަލަ މަސައްކަތް ކުރާ މީހުންނަށް އަޅުގަނޑުމެން ފުރުސަތެއް ދޭނަން ގަވާއިދުގެ ތެރެއަށް އަންނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ފުރުސަތުގައި އެ މީހަކު އެކަމަށް ބޯނުލަނބައިފި ނަމަ، އެ މީހަކު ރާއްޖެއިން ޑީޕޯޓު ކޮށްލާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެއަށްފަހު އެއްވެސް ވަރަކަށް ކާކުކަން ނޭނގޭ މީހުން، ބޭރުގެ އެމްބަސީތަކާ ގުޅިގެން މަސައްކަތްކޮށް ދެނެގަނެ، ޑޮކިއުމަންޓުތައް ހަދައި، އެމީހުން ރާއްޖެއިން ބޭރަށް ފޮނުވާލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތް ތިން އަހަރުތެރޭ ނިންމާލަން މަސައްކަތް ކުރާކަމަށް އިހުސާނު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބިދޭސީން ގެނައުމަށް "ފުލީ އައިޓީ ޑިޕެންޑެޑް" ސިސްޓަމެއް ގާއިމް ކުރުމަށް ކުރިއަށް އޮތް އެއް މަސްތެރޭ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު، ބިދޭސީންގެ ކަންކަން ބަލަހައްޓަން ފަސޭހަ ވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި މަސައްކަތް ކުރާނީ ފުލުހުންނާއި ކައުންސިލްތަކާ ވެސް ގުޅިގެން ކަމަށެވެ.



More from Sun Online