"ސޮއި ކުރާ އާ އެމްއޯޔޫ ތަކަކީ އިންތިޚާބަށް ޖަހާ ކަޑަތަކެއް"

Tue, 16 Apr 2024 05:56 PM

View on this article on Sun Online

"ސޮއި ކުރާ އާ އެމްއޯޔޫ ތަކަކީ އިންތިޚާބަށް ޖަހާ ކަޑަތަކެއް"

މި ސަރުކާރުން އާ ޕްރޮޖެކްޓުތައް ފަށަން ސޮއި ކުރާ އެމްއޯޔޫތަކަކީ މަޖިލިސް އިންތިޚާބަށް ޖަހާ ކަޑަތަކެއް ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.



މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓިގެ ކެމްޕެއިނު ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި ރައްޔިތުންނަށް އޮޅުވާލުމަށް ވަރަށް ބޮޑެތި ޕްރޮޖެކްޓުތަކެއް ފަށާ އެމްއޯޔޫތަކެއްގައި ސޮއި ކުރާ ވާހަކަ ސަރުކާރުން ދައްކާ ކަމަށެވެ.

އޭނަ ވިދާޅުވީ ސޮއި ކުރަނީ އެމްއޯޔޫއެއްގައި ކަމަށް ވިޔަސް ސަރުކާރުން މަސައްކަތްކުރަނީ ސޮއި ކުރަނީ އެއްބަސްވުމެއްގައި 'ކަން ދައްކަން' ކަމަށެވެ.

"ވަރަށް ގިނަ ހާލަތްތަކުގަ އެމްއޯޔޫ ތަކަކީ ގާނޫނީ ގޮތުން ދެ ފަރާތް ބަނދެވޭ އެއްބަސްވުންތަކެއް ނޫން. ގިނަ އެމްއޯޔޫ ތަކަކީ ބޭނުން ވަގުތަކު އެއްފަރާތުން އަނެއް ފަރާތަށް އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި، ބޭނުން ވަގުތަކު އުވާލެވޭ ގޮތަށް ދެފަރާތުން ސޮއި ކުރާ ލިޔުންތަކެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އެމްއޯޔޫތަކަކީ ސަރުކާރުން އިންތިޚާބަށް ޖަހާ ކަޑަތަކެއް ކަމަށެވެ. އަދި އިންތިޚާބު ނިމޭ އިރަށް މި އެމްއޯޔޫތަކުގެ ބޭނުންދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓު ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވަނީ ދ. އަތޮޅު މާދެލިގައި މަސް ފެކްޓްރީއެއް އެޅުމަށް ދިން ރަށަކީ ދިންއިރު ވެސް ރިސޯޓެއް ހަދަން ދޫކޮށްފައި އިތް ރަށެއްކަން ފާހަގަކުރައްވައިފައެވެ.

އަދި މި މަސްފެކްޓްރީ އަކީ ޕްލޭން ކުރެވި ރޭވިގެން، ހަގީގަތުގައި ވެސް އަޅަން ބޭނުންވާ މަސްފެކްޓްރީއެއް ނަމަ އެތަން އަޅަން އެ ކުންފުންޏަށް ދޭ ރަށަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތް ރަށެއްތޯ ނުވަތަ ވިޔަފާރީގެ މުއާމަލާތުން އެހެން ފަރާތަކަށް ހަވާލުކޮށްފައި އޮތް ރަށެއްތޯ ނުބަލައި ކުންފުންޏަކާ އެއްކޮށް އެއްބަސްވުމެއްގައި ސޮއި ކުރާ ހިސާބަށް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން އެވަރު ނުބަލަނަމަ މި ސަރުކާރަކީ ކުރީ ސަރުކާރުން ވެފައި އޮތް އެއްބަސްވުންތަކަށް އިހުތިރާމު ކުރާ ސަރުކާރެއް ނޫން ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ވެސް އޭނާ ވަނީ ކުރީ ސަރުކާރުން ފަށައިފައި ހުރި ޕްރޮޖެކްޓުތައް ހުއްޓައިލުމަށްފަހު، އިންތިޚާބާ ދިމާކޮށް އެ މަޝްރޫތައް އަލުން ފަށާ މަޝްރޫތަކެއްގެ ގޮތުގައި ސިފަކޮށް ބޮޑު ޚަރަދުކޯށްގެން ޕްރޮޖެކްޓު ފެށުމުގެ ރަސްމިއްޔާތުތައް ވެސް މި ސަރުކާރުން ބާއްވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.



More from Sun Online