މޫސަ މަރާލި މައްސަލައިގައި ކުށް ސާބިތުވީ އެކަކަށް އަނެއް ދެމީހުން ދޫކޮށްލައިފި

Fri, 26 Apr 2024 04:13 PM

View on this article on Raajje.mv

މޫސަ މަރާލި މައްސަލައިގައި ކުށް ސާބިތުވީ އެކަކަށް އަނެއް ދެމީހުން ދޫކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދުމަނިކު މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް އަދި އެކަކުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.



މި މައްސަލައިގައި މީގެ ކުރިން ވެސް ވަނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހުކުމްކޮށްފައެވެ. ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި ހުކުމް އިއްވުމަށް ބޭއްވި އަޑު އެހުމުގައި ބުނެފައިވަނީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދުމަނިކު މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާންކޮށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ އެ މާއްދާގެ (ޅ) ގެ ދަށުން، މ. ދިއްގަރު ދެބުދާރުގެ އަހުމަދު އިޖާދު މުހައްމަދާއި، ނ. ޅޮހީ، ކަނީރުމާގޭ، މުހައްމަދު ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނަތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ވ. ކެޔޮދޫ، ދޭލިޔާގެ މޫސާ އަހުމަދު މަނިކު ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މަރާލުމުގައި، ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަން ބައިވެރިވެފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުން އަލީ ހަސަން ކުށްވެރިވެއްޖެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަލީ ހަސަން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެެވެ.

ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް އަލީ ހަސަން ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 8 އަހަރާއި 6 މަހާއި 1 ދުވަސްއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން ވ. ކެޔޮދޫ ދޭލިޔާގެ އުމުރުން 19 އަހަރުގެ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ.

މާފަންނު ދުނބުރި މިސްކިތް ކައިރީގައި ހުއްޓާ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މޫސާ އަހުމަދަށް ހަމަލާދީ މަރާލާފައިވަނީ 2017 ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ރޭގަނޑުއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި ފަސް މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އަނެއް ހަތަރު މީހުންގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.



More from Raajje.mv