ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ޒިންމާއަދާކުރުމަށް ހުރަސްއަޅާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

Tue, 07 May 2024 10:52 PM

View on this article on Raajje.mv

ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ޒިންމާއަދާކުރުމަށް ހުރަސްއަޅާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

ޑޮކްޓަރުންގެ ފޮޓޯ އާއްމުކޮށް އެ މީހުންގެ ޒިންމާ އަދާކުރަން ހުރަސްއެޅޭ ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)އިން ބުނެފިއެވެ.



އެ ހޮސްޕިޓަލުގައި ވިހޭ ތުއްތު ކުއްޖަކާ ދޭތެރޭގައި އެކަށީގެންނުވާ ގޮތަކަށް އަމަލުކުރި ކަމަށް ބުނެ، އެ ކުއްޖާގެ އާއިލާގެ ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކޮށްފައެވެ.

އެކަމާއި ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ސޯޝަލްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި، ބަލި މީހާގެ ހާލަތާއި ފަރުވާއާ ގުޅޭ ގޮތުން މީސްމީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް އެ ހާދިސާއާ ގުޅިގެން ފަރުވާއާ ގުޅުންހުރި ހުރިހާ މައުލޫމާތެއް އަދި އެހެނިހެން ކަންކަން ވެސް އާއިލާއަށް ތަފުސީލުކޮށް ކިޔައިދީފައިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން، ބަލި މީހަކަށް ފަރުވާދޭއިރު ވަކި ކަމެއް އެހީތެރިއާއަށް ފާހަގަކުރެވޭ ނަމަ، އެ ކަމެއް ހޮސްޕިޓަލާ ހިއްސާކުރެވޭނެ ކަމަށާއި އަދި ގޯސްކޮށް ކަމެއް ހިނގާނަމަ، ހޮސްޕިޓަލުގެ ތެރެއިން އެ ކަންކަން ބެލޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރަމުންގެންދާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭފަދަ އަމަލުތައް ކުރާކަމީ، އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.



More from Raajje.mv