ފޭކް ސްލިޕް ދައްކައިގެން ފިހާރައަކުން ވިޔަފާރިކުރި މީހަކު ބަންދުކޮށްފި

Sat, 20 Apr 2024 03:00 PM

View on this article on Raajje.mv

ފޭކް ސްލިޕް ދައްކައިގެން ފިހާރައަކުން ވިޔަފާރިކުރި މީހަކު ބަންދުކޮށްފި

ޞައްހަ ނޫން ލިއުމެއް އުފެއްދި މައްސަލައެއްގައި ހައްޔަރު ކުރި ދިވެއްސަކު ބަންދުކޮށްފިއެވެ.



މި މައްސަލައިގައި ބަންދު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިިހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޞައްހަ ނޫން ލިއުމެއް އުފެއްދިކަމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ފިހާރައެއްގެ ތެރޭގައި ބަޔަކު އޭނާ ހިފަހައްޓައިގެން ތިއްބައެވެ. އެމީހުން އޭނާ ހިފަހައްޓައިގެން ތިބީ ފޭކް ސްލިޕް ދައްކައިގެން ފިހާރައިން ތަކެތި ގެންދިޔަ މައްސަލައެއްގައެވެ. އެގޮތުން އޭނާ ވަނީ 4 ކެމަލް ލައިޓް ސިގިރޭޓް ފޮށި ނެގުމަށްފަހު ފޭކް ސްލިޕެއް ދައްކާފައެވެ.

ފިހާރައިގައި ތިބި މީހުން އޭނާ ހިފެހެއްޓީ އޭނާ ދެވަނަ ފަހަރަށް ފިހާރައަށް އައުމުންނެވެ.

އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 04 މެއި 2024 ގައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާ ފަރާތުގެ ބަޔާނާއި، ސީނަށް ދިޔަ ފުލުހުން ބުނާ ބުނުން ހިމެނެއެވެ.

އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އޭނާއަކީ ކުށުގެ ވެށީގައި އުޅޭ ފަރާތެއްކަން އޭނާގެ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.



More from Raajje.mv