ފާޑުކިޔުން އަމާޒުވުމާއެކު، ބޮޑުވި ބިލްތަކުން ޑިސްކައުންޓް ދޭން ނިންމައިފި

Thu, 02 May 2024 06:50 PM

View on this article on Raajje.mv

ފާޑުކިޔުން އަމާޒުވުމާއެކު، ބޮޑުވި ބިލްތަކުން ޑިސްކައުންޓް ދޭން ނިންމައިފި

ފާޑުކިއުން އަމާޒުވުމުން، ބޮޑުވި ކަރަންޓު ބިލްތަކުން ޑިސްކައުންޓު ދޭން ނިންމައިފިއެވެ.



ސްޓެލްކޯއިން ފޮނުވާފައިވާ ބިލްތަކުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރއީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓު ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް ވެސް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަށެވެ.

މި މަހު އައި ކަރަންޓު ބިލްތައް ވަނީ ދެގުނަ ބޮޑުވެފައެވެ. ރޯދަ މަހު ލުއި ދިނުމުގެ ގޮތުން ކަރަންޓާއި ފެނުން ޑިސްކައުންޓް ދިން ނަމަވެސް، ރޯދަ މަސް ނިމި ގެތަކަށް ފޮނުވި އެޕްރީލް މަހުގެ ބިލްތަކުގައިވާގޮތުން، މީގެ ކުރިން 1000 ރުފިޔާ އެރި ބިލްތަކަށް ވަނީ 3000 ރުފިޔާ އަރާފައެވެ. އަދި މިއާ އެކު ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވެގެންދިޔައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިލްތައް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ދިފާއު ކުރައްވާ ފަހުމީ ވިދާޅުވެފައިވަނީ ބިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ރޯދަމަހުގެ ދުވަސްތަކުގެ ތެރޭގައި ހޫނުގަދަ ވުމުގެ ސަބަބުންނާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން އަބަދުވެސް ސަރުކާރުން ނިންމާ ނިންމުންތަކަށް ތަބާވާނެ ކަމަށާއި، ރޯދަމަހަށް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ. އަދި އަލަށް ކަރަންޓުލި ފަރާތްތައް ވެސް މި ޑިސްކައުންޓް ދިން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.



More from Raajje.mv