އައިސީއާރުސީގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Thu, 02 May 2024 07:02 PM

View on this article on Raajje.mv

އައިސީއާރުސީގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ މިސްޓަރ ކަދިރް އޮމަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.



މި ބައްދަލުކުރެއްވުން އޮތީރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އައި.ސީ.އާރު.ސީ. އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަފުދުގެ ބޭފުޅުންނަށް އެމަނިކުފާނު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އެ ޖަމިއްޔާއަށް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދާއިރާގެ މާހިރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕަރޓިސް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އައި.ސީ.އާރު.ސީ އިން ހިންގާ އިތުރު ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުޞަތުތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އާއި ދިވެހިރާއްޖެއާ ދެމެދު ދެމެހެއްޓިނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



More from Raajje.mv