އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Sat, 20 Apr 2024 01:45 PM

View on this article on Raajje.mv

އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރ.އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް މިސަރުކާރުން އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.



ހޮނިހިރު ދުވަހު ހެލްތް މިނިސްޓްރީން ބުނީ ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ތިން ރަށަކީ ރ އަލިފުށި ، ނ މަނަދޫ އަދި މ.މުލީ އެވެ. މ.މުލީ އަދި ނ.މަނަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 185 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ރ އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ކުރީ ސަރުކާރުގައި އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއްގެ އެޅުމަށް ހަވާލުކޮށްފައިވަނީ ކޮމިއުނިކޭޝަން ކޮންސަލްޓަންސް އިންޑިއާ ލިމިޓެޑާ އެވެ. މި މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 30 މެއި 2022 ގައެވެ.

މީގެ އިތުރުން މ. މުލީގައި ރީޖަނަލް ހޮސްޕިޓަލް އިމާރާތްކުރުމަށް ކުރީ ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބިޑް ޕްރޮސަސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ވެސް ފިނޭންސް މިނިސްޓްރީން މަސައްކަތްކޮށްފައިވެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި 3 ރަށުގައި އައު ހޮސްޕިޓަލް އިމާރާތްތައް ގާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ހޮސްޕިޓަލް ތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވާނެއެވެ.



More from Raajje.mv